އޮސްޓްރޭލިއާގައި އޮތް މުބާރާތަކަށްފަހު، އީރާނުގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އެހީތެރި މުވައްޒަފުން (ސަޕޯޓް ސްޓާފް) މިހާރު އެނބުރި ގައުމަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.
އެ އެޖެންސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ތުރުކީއާއި އީރާން ގުޅޭ ބާޒަރުގާން ބޯޑަރުން އެ ޓީމު އެނބުރި އައުމުން، ސަރުކާރުގެ އިސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ އެ މީހުންނަށް މަރުހަބާ ކިޔާފައެވެ.
މި ޓީމު ބޮޑު ހިޔާލުތަފާތުވުމެއްގެ ތެރެއަށް ވެއްޓުނީ، އޮސްޓްރޭލިއާގައި ކުޅުނު މެޗެއްގެ ކުރިން އީރާނުގެ ގައުމީ ސަލާމް ކިޔުމަށް އިންކާރު ކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރުއައިބީ) ގެ ޕްރެޒެންޓަރަކު ވަނީ އެ ކުޅުންތެރިންނަކީ "ޚާއިނުން" ކަމަށް ބުނެ ސިފަކޮށްފައެވެ.
އީރާނަށް އެނބުރި ގޮސްފިނަމަ ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމަށް ބުނެ، އެ ޓީމުގެ ހަ ކުޅުންތެރިއަކާއި އެހީތެރި މުވައްޒަފަކު ކުރިން އޮސްޓްރޭލިއާގެ ސިޔާސީ ހިމާޔަތް ހޯދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ފަހުން އެ ނިންމުން ބަދަލުކޮށް، ގައުމަށް އެނބުރި ދިޔުމަށް ވަނީ ނިންމާފައެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، އެ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތެއް ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ތެހެރާންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!