ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން މުޅިއެކު 1,348 މީހުންނާއެކު ބޮޑު ޕަސެންޖަރު ލައިނާއެއް ހއ. އުލިގަމުގައި ބަނދަރުކޮށްފިއެވެ.

މި އުޅަނދަކީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް އައި އުޅަނދެކެވެ.

Ad
rt

މޯލްޑިވްސް ކަސްޓަމްސް އިން ބުނި ގޮތުގައި، "ވާސްކޯ ޑަ ގާމާ" ނަމަކަށް ކިޔާ މި ޕަސެންޖަރު ލައިނާއަށް، ހއ. އުލިގަމު ކަސްޓަމްސްގެ އޮފިސަރުން ވަނީ އިންވާޑް ކްލިއަރަންސް ނުވަތަ ރާއްޖެއަށް ވަނުމުގެ ހުއްދަ ދީފައެވެ.

މި އުޅަނދުގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުންދެއެވެ.

އުލިގަމަކީ އަހަރުގެ އެކި ދުވަސްވަރު ގިނަ އަދަދެއްގެ ޔޮޓް ފަހަރު ބަނދަރުކުރަމުން އަންނަ ރަށަކަށް ވާއިރު، އެ ރަށުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން، ޔޮޓް މެރީނާއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ.

މި މަޝްރޫޢަކީ އުލިގަންގެ އެންމެ އުތުރު ސަރަހައްދުގައި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ބައިނަލްއަޤުވާމީ ޔޮޓްތަކަށާއި ސަރަހައްދީ އުޅަނދުފަހަރަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މި މަޝްރޫޢުގެ ދަށުން މެރީނާ ބޭސިންއާއި ނެރު ހިމެނޭހެން 48,000 އަކަމީޓަރުގެ ސަރަހައްދެއް 5 މީޓަރުގެ ފުންމިނަށް ކޮނުމާއި، ބޭރުތޮށި ލުމާއި، 50 މީޓަރުގެ ކޮންކްރީޓް ޖެޓީއެއްގެ އިތުރުން 42 އުޅަނދަށް ބަނދަރުކުރެވޭ ފްލޯޓިންގ ޕޮންޓޫން ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައި.އެސް.ޕީ.އެސް މިންގަނޑުގެ ސަލާމަތީ ފެސިލިޓީއަކާއި އިދާރީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތަކީ މޯލްޑިވްސް ކަސްޓަމްސް، އިމިގްރޭޝަން، ޕޯޓް ހެލްތު އަދި އެމް.އެން.ޑީ.އެފް ފަދަ މުއައްސަސާތަކަށް ޚިދުމަތް ދެވޭނެހެން ފަރުމާކުރެވޭ ތަނެކެވެ.