ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.
މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިމިގެން ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ކަނޑައެޅުމެވެ. މިއީ މަސައްކަތްކުރާ މައިންބަފައިންނަށް ދަރިން ބެލުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ގެނެވުނު ބަދަލެކެވެ.
މީގެ އިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވަކި ވިޔަފާރިތަކަކުން ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް މި އިޞްލާޙުން ވަނީ ދީފައެވެ. އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޤާނޫނީގޮތުން މިހާރު ވަނީ ކަނޑައަޅާފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ބިދޭސީން ގެނައުމުގެ ކޯޓާ ފީގެ އުސޫލުތައް މުރާޖަޢާކުރުން ހިމެނެއެވެ.
މި ބަދަލުތަކާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި މަސައްކަތްތެރިންގެ ޙައްޤުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!