އީރާނުގެ އައު އެންމެ މަތީ ވެރިޔާ (ސުޕްރީމް ލީޑަރު) މުޖުތަބާ ޚާމަނާއީ އަކީ މީގެ ކުރިން ސަރުކާރުގެ ރަސްމީ އެއްވެސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އަވަހާރަވި ބައްޕާފުޅުގެ ފަހަތްޕުޅުން އެ މަގާމަށް މުޖުތަބާ އައްޔަންކުރެއްވުމަކީ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ކަމެކެވެ.

އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރީ އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިންނެވެ. މިއީ އޭނާގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކެއްގައި އަވަހާރަވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއި ބައްޕާފުޅުގެ އޮފީހާ ގާތް ގުޅުމެއް އޮންނަ މުޖުތަބާއަކީ، ގައުމުގެ ސިޔާސަތުތަކަށް ބަދަލެއް ނުގެނެސް ހަރުކަށި ފިޔަވަޅުތަކާއެކު ކުރިއަށްދާނެ ބޭފުޅެއް ކަމަށް ބެލެވެއެވެ.

Ad
ooredoo

އީރާނުގެ 47 އަހަރުވީ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ތެރޭގައި، ބައްޕާފުޅާއި އަނބިކަނބަލުން ހަމަލާތަކުގައި ޝަހީދުވެފައިވަނިކޮށް އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަކީ، އީރާނުން ދޫނުދޭނެކަން ހާމަކޮށްދޭ ނިންމުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތުމާއެކު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި އައި.އާރު.ޖީ.ސީގެ އިސްވެރިންނާއި، ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ އަލީ ލަރިޖާނީ ވަނީ އޭނާއަށް ތާއީދު އިއުލާނު ކުރައްވާފައެވެ.

މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުން ހޯމަ ދުވަހުގެ ނިޔަލަށް ލިބުނު ބައެއް ރައްދުތައް:

އޮމާން

އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރި އޮމާންގެ ސުލްޠާން ހައިޘަމް ބިން ޠާރިޤް އަލް ސައީދު ވަނީ މުޖުތަބާ ޚާމަނާއީއަށް ތަހުނިޔާގެ ފޮނުއްވާފައެވެ.

އިރާޤު

ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިއާ އަލް-ސޫދާނީ ވިދާޅުވީ، އީރާނަށް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި އައު ލީޑަރޝިޕަށް ކަންކަން މެނޭޖުކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އީރާނުގެ ސިޔާދަތަށް އަރައިގަތުމަށް ހިންގާ ހުރިހާ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅު ހަދާ ކަމަށާއި، އީރާނާއެކު ސާބިތުވެ އޮތްކަން ހާމަކުރެއްވިއެވެ.

ރަޝިޔާ

ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ އީރާނަށް ދެމުންދާ "ސާބިތު ތާއީދު" އާކުރައްވާފައެވެ. ޕުޓިން ވިދާޅުވީ އީރާނަށް ހަމަލާތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މިފަދަ މަތީ މަގާމެއް ފުރުއްވުމަށް ބޮޑު ހިތްވަރަކާއި ގުރުބާނީއެއް ބޭނުންވާނެ ކަމަށެވެ.

ޗައިނާ

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އީރާނުގެ ލީޑަރަކު އައްޔަންކުރުމަކީ އެ ގައުމުގެ ގާނޫނުއަސާސީގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމާ ޗައިނާ ދެކޮޅު ހަދާ ކަމަށާއި، އީރާނުގެ ސިޔާދަތަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން މުޖުތަބާ ޚާމަނާއީ ސިފަކުރައްވާފައިވަނީ "ލައިޓްވޭޓް" ނުވަތަ ނުފޫޒު ކުޑަ ބޭފުޅެއްގެ ގޮތުގައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން މި ނިންމީ ބޮޑު ގޯހެއް ކަމަށާއި، އޭނާ ބޭނުންފުޅުވާ ވަކި ބޭފުޅަކު އީރާނުގެ ވެރިކަމަށް ގެންނަން ހިތްޕުޅުގައި އެބައޮތް ކަމަށެވެ.

އިސްރާއީލް

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނަ ކޮންމެ މީހަކު މަރާލާނެ ކަމުގެ އިންޒާރު ކުރިންވެސް ދީފައެވެ. އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނީ މުޖުތަބާއަކީވެސް އޭނާގެ ބައްޕާފުޅު ފަދަ "އަނިޔާވެރިއެއް" ކަމަށެވެ.