ޤައުމުގެ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނީ ސަރުކާރަށް އެހީތެރިވެދޭނެ ކައުންސިލްތަކެއް އޮވެގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އާޓިފިޝަލް ބީޗުގައި ބޭއްވި 'ދަ ގްރޭޓަރ އައްޑޫ ވިޝަން'ގެ ތަފްސީލު ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އައްޑޫ ސިޓީގެ ހުރިހާ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ކައުންސިލްތަކެއް އޮތުމަކީ ތަރައްޤީގެ މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.
އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ސިޓީގެ އެކި ރަށްރަށުގައި މިހާރުވެސް 48 މަޝްރޫޢެއް ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި އަލަށް 18 މަޝްރޫޢެއް ހިމަނާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އައްޑޫގެ ހުރިހާ މަގެއް ހެދުމަށް ބޭނުންވާ ސާމާނާއި މީހުން ހޯދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ މަޝްރޫޢުތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އައްޑޫގެ ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!