މިއަދު ސުކޫކު ދައްކަންޖެހުނު ކަމުގައި ވީ ނަމަވެސް އެ މިންވަރަށް ފައިސާ އެބަހުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ސުކޫކު 8 އޭޕްރިލް 2026 ގައި ދެއްކެވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އެކަމަށް ބޭނުންވާ ފައިސާ މިހާރުވެސް ރިޒާވްގައި އެބަހުރި ކަމަށެވެ.
ސުކޫކާ ގުޅޭ ތަފްސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މި ފައިސާ ދެއްކެވުމަށްޓަކައި 650 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް މިހާރުވެސް ރައްކާކުރެވިފައި އެބަހުރި ކަމަށެވެ. އެގޮތުން ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ގައި 320 މިލިއަން ޑޮލަރަށްވުރެ ގިނައިން ހުރިއިރު، ޔޫޒަބަލް ރިޒާވްގެ ގޮތުގައި 330 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް އެބަހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކެވުމުންވެސް، 150 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް ބާކީ ހުންނާނެ" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ގްރޮސް ރިޒާވް މިހާރު ހުރީ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ރެކޯޑު މިންވަރަށްވުރެވެސް މަތީގައިކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ގްރޮސް ރިޒާވް މިހާރު 1.27 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރިޒާވް މިހާ މަތީ މިންވަރަކަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ކުރާ އިޤްތިޞާދީ އަސަރުތައް މެނޭޖުކުރުމަށް ލިބޭ ބޮޑު ލުޔެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ދަރަނި ދެއްކުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ އިޤްތިޞާދީ ކަންކަން މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާގައި ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން މަދުވެގެން 200 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބޭރުގެ ދަރަނި ދެއްކުމުގައި ރާއްޖެއަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، އިތުރު ފައިސާ ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު ކުރާ މަޝްވަރާތައް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ރަނގަޅަށް ކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ. ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ފައިސާ މާރުކުރެވޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގެ މާލީ ނިޒާމު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!