ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ކުރީގެ އިންޓަނޭޝަނަލް ޓަރމިނަލް ނުވަތަ ޓަރމިނަލް 2 އަށް ރޭ ރަސްމީކޮށް ބަދަލުކޮށްފިއެވެ.

މި ބަދަލާއެކު އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޖާގަ ބޮޑުވެ، ޚިދުމަތްތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ.

Ad
rt

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި، މި ބަދަލާއެކު ޗެކިން ކައުންޓަރުތަކުގެ އަދަދު ވަނީ 8 އިން 27 އަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ސެކިއުރިޓީ ކްލިއަރެންސަށް ތިން މެޝިނާއި، ހަ ޑިޕާޗާ ގޭޓް މިހާރު ހުންނާނެއެވެ. އަދި ބެގޭޖު ބެލްޓްތަކުގެ ސައިޒު ކުރިއަށްވުރެ ހަތަރު ގުނަ ބޮޑުކޮށް، ދެ ބެލްޓް ވަނީ ގާއިމުކޮށްފައެވެ. މި ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ މުވައްޒަފުންނެވެ.

ވީއައިއޭގެ ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރުން، ފޮޓޯ: ރައީސް އޮފީސް

އައު ޓާމިނަލްގައި ފަސިންޖަރުންނަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމާއި، ކުޑަކުދިން ކުޅޭނެ ސަރަހައްދެއްގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތިން އައުޓްލެޓެއް މި ޓާމިނަލްގައި ހުންނާނެއެވެ.

މި ބަދަލާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށްވެސް އިއްޔެއިން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ވީއައިއޭގެ ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރުން، ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޑޮމެސްޓިކް ޚިދުމަތްތައް ޒަމާނީ ޓަރމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެއަރޕޯޓުގެ ޚިދުމަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މި ގެނެވުނު ބަދަލާއެކުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެ،" ނައިބު ރައީސް ވިދާޅުވިއެވެ. އަދި މީގެ ކުރިން ޑޮމެސްޓިކް ޓާމިނަލް އޮތީ ވަރަށް ބޮޑަށް އަޅާނުލެވި، ފަސިންޖަރުންނަށް ބޮޑު ތަކުލީފަކަށް ވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ދައުރު ފެށުމާއެކު، ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ދެއްވި އިސްކަމުގެ ނަތީޖާ ކަމަށެވެ. މިއީ ރައީސް މުޢިއްޒު އިޤްތިޞާދީ ގޮތުން ގެންގުޅުއްވާ ދުރުވިސްނުންފުޅާއި ހިކުމަތްތެރި ސިޔާސަތުތަކުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.