ދައުލަތުގެ އިދާރާތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ރައީސް އޮފީހުން ކުރިއަށްގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2025-2027" ގެ ހަތަރުވަނަ ސެޝަން މިއަދު ބާއްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އިސްލާމީ މަރުކަޒުގައި ބޭއްވި މި ސެޝަނަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޚާއްޞަ ދަރުހެކެވެ.
"އަންނާށޭ" މި މައުޟޫޢަށް އައްޝައިޚް ޑރ. އިލްޔާސް ޙުސައިން ދެއްވި މި ދަރުހުގައި، ރަމަޟާން މަހުގެ މާތްކަމާއި، މަސްއޫލިއްޔަތު އަދާކުރުމުގެ މުހިންމުކަމާއި، އަދި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. ޚާއްޞަކޮށް ތަޤުވާވެރިވުމާއި، މުޅި ހަށިގަނޑުން ރޯދަހިފުމާއި، ޤުރްއާން ކިޔެވުމާއި ރޭއަޅުކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ޝައިޚް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޮންމެ ކަމެއްގައިވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރުމަށް ނަޞޭޙަތްތެރިވަމުން، ރަމަޟާން މަހުގެ ހެޔޮ އަމަލުތަކުގެ ސަބަބުން އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އުޅުން އިޞްލާޙުވާނެކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ.
މި ސެޝަން ނިންމާލުމުގެ ގޮތުން ޝައިޚް އިލްޔާސަށް ވަނީ އޭނާގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް އަރުވާފައެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީހުގެ އިސްނެންގެވުމާއެކު، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮސިމްއާ ގުޅިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!