އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން ދާދިފަހުން އާންމުކުރި ލިޔެކިޔުންތަކަކީ "ސާފު ސީދާ ޝައިތާނީ އަމަލުތަކެއް" ކަމަށް ސިފަކުރައްވައި، މިއީ ހުޅަނގުގެ އަސްލު ސޫރަ ހާމަވެގެންދިޔަ ކަމެއް ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އެން.ޓީ.ވީ އަށް ދެއްވި ބަސްދީގަތުމެއްގައި ލަވްރޯފް ވަނީ އެޕްސްޓީން އާއި ހުޅަނގުގެ ނުފޫޒުގަދަ ފަރާތްތަކުން އުޅެމުންދިޔަ އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ ދިރިއުޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި، އެޕްސްޓީންގެ ފައިލްތަކުން ހާމަވެގެންދިޔައީ މުޅި ދުނިޔޭގެ މައްޗަށް ވެރިވެގަންނަން އުޅޭ ހުޅަނގުގެ އަސްލު ސޫރަ އާއި "ޑީޕް ސްޓޭޓް" ނުވަތަ ނުފޫޒުގަދަ ސިއްރު ބާރުތަކުގެ ހަގީގަތެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެޕްސްޓީން ހިންގާފައިވާ ޖަރީމާތަކަކީ އެއްވެސް "އާދައިގެ އިންސާނަކަށް" ގަބޫލުކުރެވޭނެ ވަރަށްވުރެ މާ މުޑުދާރު އަމަލުތަކެކެވެ. މިއީ ހުޅަނގުގެ ސަރުކާރުތަކާއި މުއައްސަސާތަކުގައި އޮތް އަޚްލާގީ ފަނާވުން ހާމަކޮށްދޭ ހެއްކެއް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ އެޕްސްޓީންއާ ގާތް ގުޅުން ބޭއްވި ސިޔާސީ ބޭފުޅުންނާއި، ޑިޕްލޮމޭޓުންނާއި، ވިޔަފާވެރިންގެ އިތުރުން ޝާހީ އާއިލާތަކުގެ މީހުންގެ މައުލޫމާތު މި ފައިލްތަކާއެކު ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، ރަޝިޔާއިން ދެކޭގޮތުގައި މިއީ މުޅި ހުޅަނގު ކޮންޓްރޯލްކުރާ ބާރުގަދަ އިއްތިހާދެއްގެ މަސައްކަތްތަކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ މަހު ވަނީ އެޕްސްޓީންގެ މުދަލާއި ގުޅޭ ގިނަ އަދަދެއްގެ އީމެއިލް، ފޮޓޯ އަދި ވީޑިއޯތައް އާންމުކޮށްފައެވެ. 2019 ވަނަ އަހަރު ނިއުޔޯކްގެ ޖަލެއްގައި އެޕްސްޓީން މަރުވެފައި އޮއްވާ ފެނުނުއިރު، ތަހުގީގީ އިދާރާތަކުން ނިންމާފައިވަނީ އޭނާ އަމިއްލައަށް މަރުވީ ކަމަށެވެ.
މި މައްސަލައިގައި އެޕްސްޓީންގެ ކުރީގެ ބައިވެރިޔާ ޖިސްލެއިން މެކްސްވެލް މިހާރުވެސް ދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އޭނާގެ މައްޗަށް 2022 ވަނަ އަހަރު ކުށް ސާބިތުވީ އެޕްސްޓީންއާ ގުޅިގެން ކުޑަކުދިން ޓްރެފިކްކޮށް އެކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!