ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަފްސީލު ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައަކީ 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ 31 ޑިސެމްބަރުގައި ހުށަހެޅި މައްސަލައެކެވެ.

Ad
rt

ފުލުހުން ބުނީ އެ އިދާރާގެ ތަހުގީގަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ރައްކާކޮށްފައި ހުރީ މާލޭގެ ދެ ގެއެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1,438 ކިލޯ ހުއްޓެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު" ގެ ދަށުން ހުއްދަ އޮތް ބައެއް ނޫންކަން ވެސް ވަނީ އެނގިފައެވެ.

މި މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް ތަކެތީގެ މިލްކުވެރިކަމަށް ދައުވާކުރަމުންދާއިރު، އޭގެ ތެރެއިން ބައެއް ތަކެތި ހަލާކުވަމުންދާތީ ފުލުހުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފަޔަކަށް އެދިފައެވެ. ޕީޖީ އޮފީހުން ލަފާދީފައިވަނީ، ހަގީގީ ވެރިފަރާތް ކަނޑައެޅިގެން އެނގެން ނެތުމުން މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް ނެތް ކަމަށެވެ. އެހެންކަމުން، ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި ނީލަން އުސޫލުން ވިއްކާލައި، އެ ފައިސާ ތަހުގީގު ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާދީފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން މުދާ ހޯދުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ 26 ޖެނުއަރީ 2026 ވަނަ ދުވަހު ވަނީ ނިންމާފައެވެ. ޝަރީއަތުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށާއި، ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށެވެ.