ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަރލިންގައި ބޭއްވި "މޯލްޑިވްސް-ޖަރުމަނު ބިޒްނަސް ރައުންޑްޓޭބަލް" ގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުގެ "ޗެމްބަރސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސް" (ޑީއައިއެޗްކޭ) ގެ އެގްޒެކެޓިވް ބޯޑު މެންބަރު އަދި ފޮރިން ޓްރޭޑްގެ ހެޑް ޑޮކްޓަރ ފޮލްކަރ ޓްރަޔަރ އާއި "ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް" ގެ ސީ.އީ.އޯ މިސްޓަރ ގުންތަރ މުލް އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ މާޙައުލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާ ޖަރުމަނުގެ ވިޔަފާރިވެރިންނާ ބައްދަލުވެވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެކަށައަޅާފައިވާ "ވިޜަން 2040" އަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކޮށް، ތިމާވެށި ރައްކާތެރިކުރުމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވެފައިވާ ވަޢުދެކެވެ. މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރު ފައިސާ ލިބޭނެ މަގުތައް ފަސޭހަކުރުމާއި، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަކީ އެޅެމުންދާ މުހިންމު ފިޔަވަޅުތަކެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ރަސްމީ ރިޒާވް ތާރީޚީ މިންވަރަކަށް އިތުރުވެ، ބޭރު ފައިސާ ދައުރުވާ މިންވަރު ރަނގަޅުވެފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރައްވައި، ގޫގުލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަކަތައިގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ޕްރޮޖެކްޓް ސޯލަރ ސިޓީ" ފަދަ މަޝްރޫޢުތަކަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި، މިއީ ދުނިޔޭގެ އެހެން ޖަޒީރާ ޤައުމުތަކަށްވެސް ބޭނުންކުރެވޭނެ ފަދަ އީޖާދީ އަދި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޖަރުމަނުގެ އިންވެސްޓަރުންނާއި ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެކަމުގައި ބައިވެރިވުމަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ. އަދި "ޕްރޮޖެކްޓް އައިލާ" ފަދަ ބޮޑެތި މަޝްރޫޢުތަކުން ފުރުޞަތު ހޯދުމަށްވެސް ބާރުއެޅުއްވިއެވެ.
ޞިއްޙީ، ބޭންކިންގ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ރާއްޖޭގައި އެބައޮތްކަން ފާހަގަކުރައްވަމުން، ރާއްޖެއިން މަސައްކަތްކުރަނީ ދެފުށް ފެންނަ، އިތުބާރު ހުރި އަދި ދިގު މުއްދަތުގެ ގުޅުންތަކަށް މަގުފަހިވާނެ މާޙައުލެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް ބޮޑު ބައިވެރިއެއް ކަމަށެވެ.
މި ބައްދަލުވުމުގައި "އިންވެސްޓް މޯލްޑިވްސް"، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި އެންވަޔަރަންމަންޓުން ރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވެއެވެ. މި ރައުންޑްޓޭބަލް ބައްދަލުވުން ނިންމާލީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް" އާއި ޔޫރަޕްގެ "DERTOUR Deutschland GmbH" އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!