ރާއްޖޭގެ ސަރަޙައްދުތަކަށް، ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުނީގެ އަސަރު ބޮޑުވަމުންދާތީ، އެކަމަށް ސިއްހީ ގޮތުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކަށް ދުންފުނީގެ އަސަރު މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ދުންފުނީގެ އަސަރު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

Ad
rt

މިކަމާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. ވަޔަކީ ސިއްހަތަށް މުހިންމު އެއްޗަކަށްވާއިރު، ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.

ވައި ސާފު މިންވަރު ބެލުމަށް ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ IQAir Visual އެޕްލިކޭޝަން ބޭނުންކޮށްގެން ވަގުތުން ވަގުތަށް މައުލޫމާތު ހޯދޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި ދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރު ކަމަށްވުމާއެކު، އަވަށްޓެރި ގައުމުތަކުން އަންނަ ދުންފުނީގެ އަސަރު ރާއްޖެއަށް ފޯރަނީއެވެ. މީގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.