ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދަށް އައު ދައުރަކަށް ކައުންސިލްގެ ގޮނޑި ކަށަވަރުވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިހާރު ތިންވަނަ ދައުރު ފުރުއްވަމުން ގެންދަވާ ޢަބުދުﷲ ރަޝީދަށް މި ކާމިޔާބީ ވެގެން ދާނީ ހަތަރު ވަނަ ދައުރަކަށް އުތީމު ރައީސްގެ މަގާމު ކަށަވަރުވެގެން ދިޔުމަށެވެ.

Ad
rt

މިހާތަނަށް ޕީޕީއެމް/ޕީއެންސީ ފިކުރުގައި ދެމި ހުންނެވި ޢަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ވާދަކުރަށްވަން ފޯމު ހުށަހެޅުއްވީ ވެސް ޕީއެންސީގެ ޓިކެޓްގައެވެ.

އުތީމު އެ ދާއިރާ އަކަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައު ދައުރަކަށް އުތީމު ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބުވެފައި ވާތީ ޢަބުދުﷲ ރަޝީދަށް މަރުޙަބާ ވިދާޅުވެފައެވެ.

''މަރުޙަބާ ހއ.އުތީމު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަބްދުالله ރަޝީދު، މާތްﷲ، ވާގިފުޅާއެކު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އަބްދުﷲ ރަޝީދުގެ ރައީސް ކަމުގެ ދައުރުގައި އުތީމު ރައްޔިތުން ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލް ކުރާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން.'' ޝުޖާއު ވިދާޅުވެފަވެއެވެ.

މިކަމާއި ގުޅިގެން ޢަބުދުﷲ ރަޝީދަށް ''ތިލަދުން'' އިން ގުޅާލުމުން ވިދާޅުވީ ހުރިހާ ކަމަކީ ވެސް މާތްﷲގެ ތަނަވަސް ރަޙްމަތްކަމަށެވެ. އަދި އުތީމު ރައްޔިތުން އޭނާ އަށް ކުރާ އިތުބާރަކީ ހިތްވަރުކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބުދުﷲ ރަޝީދަށް ގޮނޑިކަށަވަރުވީ އަންނަ އިންތިޚާބަށް އުތީމު ރައީސް ކަމަށް އިތުރު ކެންޑިޑޭޓަކު ވާދަނުކުރާތީކަމަށް މައުލޫމާތު ލިބެއެވެ.