ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ.
މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވާފައެވެ.
މި ފޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެންއައި ގޮތާއި، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ސަލީމް ހޭދަކުރެއްވި 5 އަހަރުގެ ތަޖުރިބާތަކުގެ މައްޗަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ ޑިމޮކްރަސީ ނިޒާމަށް ބަދަލުވެގެންދިޔަ ތާރީޚީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ ތަފްސީލުވެސް މި ފޮތުގައި ހިމަނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2003 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!