ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ތަޢާރުފުކޮށްފިއެވެ.

ޕޯޓަލްގެ މަޤްޞަދު

Ad
rt

މި ޕޯޓަލް ތަޢާރުފުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް އުޞޫލަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. މީގެ ސަބަބުން ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްވުރެ ބޮޑަށް ތަރުތީބުވެގެންދާނެއެވެ.

މުޢާމަލާތްތައް ވަގުތުން ބެލޭނެ

މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ހުރިހާ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ކަށަވަރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ޒަކާތް ބެހުމަށް ލިބޭ ފަސޭހަ

ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް ޒަކާތް ބެހުމުގެ މަގު ފަހިވާނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ފޯރުކޮށްދިނުމަށް ބާރަކަށް ވެގެންދާނެއެވެ.

ފިޠުރު ޕޯޓަލް ތަޢާރަފުކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.