ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ޕްރައިވެޓް ރޫމްތަކާއި އައިސޮލޭޓް ކުރެވޭނެ ވަސީލަތްތަކާއެކު 14 ކޮޓަރީގެ ފެސިލިޓީއެއް ބިނާކުރުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ އޭޝިއަން އިންފްރާސްޓްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ސްޓޭންޑް އެލޯން ޕްރޮޖެކްޓެވެ.

Ad
rt

މި މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ ޖުމްލަ 53,560,648.01 ރުފިޔާ އަށެވެ. އެއްބަސްވުމުގައިވާ ގޮތުން މި މަޝްރޫއު 435 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި ފެސިލިޓީ ގާއިމްކުރެވުމުން، ބަލިމީހުންނާއި އެހީތެރިންނަށް މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމާއި އެހެނިހެން އުނދަގޫތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ގާއިމްކުރާ 14 ޕްރައިވެޓް ރޫމަކީ ބަލިމީހާގެ އިތުރުން އެހީތެރިއަކަށްވެސް މަޑުކުރެވޭ ގޮތަށް، ފާހަނާއާއެކު ފަރުމާކުރެވިފައިވާ ކޮޓަރިތަކެކެވެ. މި ކޮޓަރިތަކުގެ ތެރޭގައި މޮޑަރޭޓް ޕޭޝަންޓުންނާއި، ކްރިޓިކަލް ޕޭޝަންޓުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް (ޕޭޝަންޓް ވިތް ސްޕެޝިއަލް ނީޑް) ހާއްސަ ކޮޓަރިތައް ހިމެނެއެވެ. މީގެ އިތުރުން، ކޮވިޑް-19 ފަދަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރޭ ހާލަތްތަކުގައި ބަލިމީހުން ވަކިން އައިސޮލޭޓް ކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމު މިތަނުގައި ހުންނާނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ ބަލިމީހުންނަށް ހިދުމަތްދޭ މަރުކަޒެވެ. ހއ، ހދ، އަދި ށ. އަތޮޅުގެ ރައްޔިތުންގެ އިތުރުން އެހެން އަތޮޅުތަކުންވެސް ގިނަ ބަޔަކު މި ހޮސްޕިޓަލުން ސްޕެޝަލިސްޓް އަދި ސުޕަރ ސްޕެޝަލިސްޓް ހިދުމަތާއި ސާޖަރީތައް ހޯދައެވެ. މިހާރު ބަލިމީހުން އެޑްމިޓްކުރަން ޖެހެނީ އާންމު ވޯޑުތަކުގައި ކަމަށްވާތީ، ދިގު މުއްދަތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެކި ކަހަލަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

މީގެ އިތުރުން، ކޭއާރުއެޗަކީ ސިއްޙީ ދާއިރާގެ ތަމްރީންތަކާއި މެޑިސިން ކިޔަވާ ކުދިންގެ މޮޑިއުލްތައް ކުރިއަށްގެންދާ މަރުކަޒަކަށް ވީނަމަވެސް، އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން މިހާތަނަށް ތަމްރީންތައް ބާއްވަމުން އައީ ހޮސްޕިޓަލުން ބޭރުގެ ތަންތަން ކުއްޔަށް ހިފައިގެންނެވެ. ހޮސްޕިޓަލުގެ ދަށުން 700 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، އާ ފެސިލިޓީއާއެކު މުވައްޒަފުން ތަމްރީން ކުރުމަށާއި ކޮމިއުނިޓީ ވޯކްޝޮޕްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެގެންދާނެއެވެ.