ދ. މީދޫގައި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، އެކަމަށް ހުރަސްއެޅުމާ ގުޅިގެންނެވެ. މި މައްސަލައިގައި ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި ހާދިސާއާ ގުޅިގެން މީދޫގެ ބައެއް ރައްޔިތުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ނުރުހުން ފާޅުކޮށްފައެވެ. ރައްޔިތުން އެއްވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިއުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވަނީ ގެވެށި އަނިޔާގެ މައްސަލައާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަވެސް މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ދެ މައްސަލައިގެ ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!