އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ކާމިޔާބުކުރުމަށްފަހު ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމުން، އެތައް ހާސް ސަޕޯޓަރުންނެއް މަގުތަކަށް ނުކުމެ އެ ޓީމަށް މަރުހަބާއެއް ކިޔައިފިއެވެ.
މި ތާރީޚީ ކާމިޔާބީއާ އެކު ސެނެގާލްގެ މަގުތައް ވަނީ އުފާފާޅުކުރާ ސަޕޯޓަރުންނާއި ގައުމީ ދިދަތަކުން ފުރާލާފައެވެ.
އެއާޕޯޓުން ފެށިގެން ސިޓީގެ މަރުކަޒާ ހަމައަށް، ސަޕޯޓަރުން ދިދަ ހޫރުވައި، ގައުމީ ލަވަތައް ކިޔައި، މެދުނުކެނޑި އަޑުގަދަކޮށް އުފާފާޅުކުރަމުން ދިޔައީ ގައުމީ ފަހުރުވެރިކަމުގެ ހަނދާނުން ނުފޮހެވޭނެ ފަދަ މާހައުލެއް އުފައްދަމުންނެވެ.
ސަޕޯޓަރުންގެ ފަރާތުން ފެނުނު މި ބޮޑު ލޯތްބާއި ގަދަރުގެ ސަބަބުން ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ ހިތްތަކަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ.
ޓީމު ގައުމަށް އައުމުން ގިނަ ކުޅުންތެރިން ވަނީ ސަޕޯޓަރުންނާ ބައްދަލުކޮށް، ފޮޓޯ ނަގައި، މުޅި މުބާރާތުގައި އެމީހުން ދިން ވަރުގަދަ ސަޕޯޓަށް ޝުކުރު އަދާކުރުމަށް ވަގުތު ހޭދަކޮށްފައެވެ. ސެނެގާލުން މި ޝަރަފުވެރި ތަށި އުފުލާލީ ވަރަށް ކުއްލި އަދި ހައިރާންކުރުވަނިވި ގޮތަކަށް ކުރި މަސައްކަތުންނެވެ.
އާދީއްތަ ދުވަހު ކުޅުނު މި ހަލަބޮލި ފައިނަލްގައި، މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރޮކޯ 1-0 އިން ބަލިކޮށް "ޓެރަންގާ ލަޔަންސް" އަށް ތަށި ހޯދައިދިނީ އިތުރު ވަގުތުގެ ތެރޭގައި ޕާޕޭ ގޭ އެވެ.
މި ކާމިޔާބީއާއެކު ސެނެގާލް ވަނީ އެފްރިކާ ބައްރުގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ދެވަނަ ފަހަރަށް އުފުލާލާފައެވެ. ސެނެގާލް ފުރަތަމަ ފަހަރު މި މިބާރާތުގެ ތަށި ނެގީ 2021 ވަނަ އަހަރުގެ ފައިނަލްގައި މިސްރު ބަލިކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!