ސްޕެޝަލް އިކޮނޮމިކް ޒޯންސް (އެސްއީޒެޑް) ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ދޫކުރެވުނު މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.

Ad
rt

މި މަޝްރޫޢަކީ މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓެކެވެ.

މި ޓައުންޝިޕްގެ މުހިންމު ބައިތަކުގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަރޝިޕް ސްކޫލެއް ހިމެނެއެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެއެވެ.

މި މަޝްރޫޢަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވާއިރު، މިއީ ގައުމީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ.

މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ކަމަށް އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

15 ނޮވެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީދުކުރެއްވި، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގައި ބުނާގޮތުން ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރުމުގެ ޚާއްޞަ ޝަރުޠުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހެއެވެ. އަދި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްޤީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، މިފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިޢާދަކުރަނިވި ހަކަތައަށް ވާންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.