ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދު ޢަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
މިއީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސްކަމަށް ވުމާއެކު، ރައީސް މިކަމަށް ގޮވާލެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤުވާމީ މި ދުވަހު، ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް އަލުން ޢަޒުމުކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމުގައެވެ. އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމުގައިވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ދިރިއުޅުން އިތުރަށް ގުޅިލާމެވިފައިވާއިރު، އޮންލައިންކޮށް ބިރުދެއްކުމާއި ބަދުއަޚުލާގީ ޢަމަލުތަކުގެ ނުރައްކާތައް ދަނީ ބޮޑުވަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
މިކަމަށް ހައްލެއް ހޯދުމަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ، އާ ޓެކްނޮލޮޖީތަކަކީ އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުވައި، އެކުދިންނަށް ކުރިއެރުމުގެ ރައްކާތެރި މާޙައުލެއް ފޯރުކޮށްދޭނެ ވަސީލަތްތަކަކަށް ހެދުމަށްޓަކައި، އަދި އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި، އެންމެން އެއްބާރުލައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!