މިއަދު އެންމެ ދެރަވާ އެއް ކަމަކީ، އެ މީހަކާ ނުބެހޭ ކަންކަމާ ބެހޭ މީހުންގެ ކިބައިން ލިބޭ އުނދަގުލެވެ. ވަރަށް ގިނަ ކަންކަމަކީ އުސޫލެއްގެތެރޭ ހިނގަމުން އަންނަ ކަންކަމެވެ. އެ ކަމެއްގައި އުޅޭ މީހަކަށް ނުވަތަ ބަޔަކަށް އެކަމެއް ހިނގަމުންދާ ގޮތާއި ކަންކަން ނުވެ ހުންނާނެ މުއްދަތާއި އިންތިޒާރުކުރަންވީ ވަގުތު ވެސް އެނގެއެވެ. ކަން މިހެން އޮތަސް ކަމާ ނުބެހޭ، ނުފޫޒުގަދަ އަޑުގަދަ މީހަކު އައިސް ގޮތެއް ކިޔައިގެން ކިތައް ކަންތައް ޚަރާބުވެގެން އެބަދޭ ނޫންތޯއެވެ؟
އާދެ، މިއީ ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި ވެސް ވާ ކަމެކެވެ. ދެމަރިފިންގެ ދެމެދުގައި ވެސް މިފަދައިން ކަންތައް ހިނގައެވެ. މައިންބަފައިންނާ ދަރިންނާ ދެމެދު ވެސް މެއެވެ. ރައްޓެހިންގެ ތެރޭގައި ވެސް މިހެން ވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި މި ކަން މި މަގުން ހިނގައެވެ. އެހެން ނަމަވެސް މުސްލިމުންގެ އަޚުލާޤަށް ބަލާއިރު މިއީ މިކަން ހިނގައިގެން ވާނެ ގޮތެއް ނޫނެވެ.
މުސްލިމުންގެ ކިބައިގައި ހުންނަންވާ ރިވެތި އެއް އަޚުލާޤަކީ އެ މީހަކާ ނުބެހޭ ކަންކަމާ ނުބެހި ހިމޭނުން ހުރުމެވެ. ކޮންމެ މީހެއްގެ އިވުމާއި ފެނުމާއި އޭނާގެ ފިކުރާ މެދު ވެސް ޤިޔާމަތްދުވަހު ސުވާލު ވެވޭނެ ކަމާމެދު ސަމާލުވާން ވާނެއެވެ. މި ކަންބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ.
﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا﴾ (الإسراء: ٣٦)
މާނައީ: "އަދި ތިބާޔަށް އެ ކަމަކާ މެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބާނުވާށެވެ! ހަމަކަށަވަރުން، އިވުމާއި ފެނުމާއި ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލުކުރައްވާނޭ ކަމެއް ކަމުގައި ވިއެވެ."
ތިމާއާ ނުބެހޭ ކަންކަމާ ބެހުމުގެ ބަލީގައި ކުރެވޭ އަނެއް ކަމަކީ، ކަންކަމާ ބެހޭ ގޮތުން މަޢުލޫމާތު ނެތި ނުވަތަ އެ ކަމެއްގެ ޢިލްމުނެތި އަމިއްލަ އަމިއްލައަށް ހީވާ ހީއެއްގެ މައްޗަށް ކަންކަމުގައި ގޮތް ނިންމުމެވެ. ޙަޤީޤަތުގައި ކަންކަން އޮތްގޮތް ބަލައި ޔަޤީންކުރުމަކީ އެ މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެ މީހުން ހީކުރާ ގޮތުގައި އެ މީހުންނަށް ނޭނގޭ އެއްވެސް ކަމެއް ނޯންނާނެއެވެ. ހުރިހާ ކަމަކަށް ވެސް ބަސްކިޔޭނެ ބައެއްގެ ގޮތުގައި އެ މީހުންގެ އަމިއްލަ ނަފުސާމެދު ދެކެއެވެ.
ކޮންމެ މީހަކު ވެސް ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތަކީ ހުރިހާ ކަމެއް އެކަކަށް ނޭނގިދާނެ ކަމެވެ. އަދި ވަކިން ޚާއްޞަކޮށް ތިބާގެ އަމިއްލަ ނަފުސަށް ނޭނގޭނެ ކަންކަން ހުރެދާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ. އަދި ނޭނގޭ ކަންކަން ހީވާ ގޮތްގޮތަށް ޔަޤީންނުކޮށް، ދަންނަ މީހުން ކުރެން އެ ކަމެއް އޮޅުން ފިލުވަން ސުވާލުކުރުމަކީ ވަރަށް ރިވެތި ސިފައެކެވެ. އަދި އެއީ ﷲއަށް ކިޔަމަންވުމުގެ ޢަމަލެއް ވެސް މެއެވެ. ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾ (النحل: ٤٣) މާނައީ: "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާ ނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!"
ކަންކަމާއި ތަންދޮރުދަންނަ މީހުންގެ މަޖިލިހެއްގައި އެއްޗެއް ނޭނގޭ ހާލު މީހަކު އިނދެ ވާހަކަ ދެއްކުމުން ނުކުންނާނީ ނޭދެވޭ ނަތީޖާއެވެ. އެންމެ ފަހުން އެ މީހަކު ވާނީ ނުބެހޭ ކަންތަކާ ބެހޭ މީހަކަށެވެ. އެފަދަ ހުތުރު ނަން މުސްލިމުންނަށް ލިބުމަކީ ހިތާމައެކެވެ. މުސްލިމުން ވާންޖެހޭނީ އެހެން މީހުންނަށް ނަމޫނާ ދައްކާ ބަޔަކަށެވެ. ނުބެހޭ ކަންކަމާ ބެހިގަނެ ތިމާގެ ބަސް އިއްވަން ކިތަންމެ ބޭނުން ވިޔަސް ﷲގެ އަމުރުފުޅާ މެދު ވިސްނައި ނުބެހޭ ކަންކަމާ ނުބެހި އެކަހެރިވާށެވެ! އެއީ ރިވެތި އަޚުލާޤެކެވެ. އަޅުގަނޑުމެން ރިވެތި އަޚުލާޤު ދަމަހައްޓަން ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!