ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދަނިކޮށް އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
މިގޮތުން ލަންކާގެ ނޫސްތަކުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުން ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އަދި "އައިސް" (ކްރިސްޓަލް މެތަމްފެޓަމައިން) އާއެކު ސްރީލަންކާ މަސް ބޯޓެއް ދިވެހި ސިފައިން ވަނީ އަތުލައިގަނެފައެވެ.
''ދިވެހިރާއްޖޭގެ ކޯސްޓް ގާޑުން ވަނީ ސްރީލަންކާގެ މަސްވެރިންގެ ބޯޓަކާއެކު ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އަދި "އައިސް" (ކްރިސްޓަލް މެތަމްފެޓަމައިން) އާއެކު 6 ސްރީލަންކާ މަސްވެރިން ހައްޔަރުކޮށްފައި'' ލަންކާގެ ނޫސްތަކުގައި ބުނެފަވެއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ސްރީލަންކާ ނޭވީން ފޯރުކޮށްދިން އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ލަންކާ މީޑިއާއިން ބުނެފަވެއެވެ.
''ސަލާމަތީ ބާރުތަކަށް ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި މި މަސްތަސްތުވާތަކެތީގެ ޝިޕްމަންޓަކީ "ދެހިބަލެ މައްލި" ގެ ނަމުން މަޝްހޫރު، ބޮޑު ސްކޭލްގައި މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތަކާ ގުޅުންހުރި އެއްޗެއް ކަމަށް ބެލެވޭ'' އެ ނޫސްތަކުން އިތުރަށް ބުނެފަވެއެވެ.
8 އޮކްޓޯބަރު 2025 ގައި އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް އެދުވަހު އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ބޯޓެވެ. އަދި ދިވެހި ފުލުހުން ވެސް ވަނީ ބައެއް މީޑިއާތަކަށް މިކަން ކަށަވަރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!