ދިވެހިރާއްޖެއިން އދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ (ކޮޕުއަސް) މެންބަރުކަން ހޯދައިފިއެވެ.
މިއީ ބޭރު ޖައްވު ސުލްހަވެރިކަމާއެކު ދިރާސާކޮށް ބޭނުންކުރުމުގެ މަގްސަދު ހާސިލްކުރުމަށްޓަކައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އ.ދ. ގެ މުހިންމު ކޮމިޓީއެކެވެ.
ޚާރިޖީ ވުޒާރާއިން ބުނީ ކޮޕުއަސްގެ މެންބަރުކަން ހާސިލްކުރުމުގެ ސަބަބުން ދިވެހިރާއްޖެއަށް ވަނީ ބޭރު ޖައްވު ސުލްހަވެރިގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންގޮސްފައި ކަމަށެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ޖައްވީ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖޭގެ އަޑު އިއްވުމަށް ލިބުނު މުހިންމު ކާމިޔާބީއެއްކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެއެވެ. ޚާއްސަކޮށް، ބޭރު ޖައްވުގައި ބެހެއްޓިފައިހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެއެވެ.
ބޭރު ޖައްވު ސުލްހަވެރިކަމާއެކު ބޭނުންކުރުމާބެހޭ އދ. ކޮމިޓީ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ (ކޮޕުއަސް) އަކީ، ބޭރު ޖައްވު ސުލްހަވެރިކަމާއެކު ބޭނުންކުރުމުގައި ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމަށް ޚާއްސަ ކުރެވިފައިވާ، އދ. ގެ އާންމު މަޖިލީހުގެ ދާއިމީ ހަމައެކަނި ބޮޑީއެވެ. މި ކޮމިޓީ އުފެއްދީ 1959 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުންނެވެ. މުހިންމު ކާމިޔާބީއެއްގެ ގޮތުން، 1967 ވަނަ އަހަރުގެ "އައުޓަރ ސްޕޭސް ޓްރީޓީ" ވެސް ހިމެނޭ ގޮތަށް، ބޭރު ޖައްވާއި ބެހޭ އދ. ގެ ފަސް މުޢާހަދާ އެކުލަވާލުމުގައި މި ކޮމިޓީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ދިވެހިރާއްޖެއާއެކު، ހޮންޑޫރަސް، ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯރ ވެސް މި ކޮމިޓީގެ މެންބަރުކަން ވަނީ ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!