އުތުރުގެ ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އަދި ރާއްޖޭގެ އުތުރުން ޞިއްޙީ ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވުމާ ގުޅިގެން މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ.
މެންބަރު ފަރުހަތު މިކަން ހާމަކުރައްވާފައިވަނީ އެކަމާއި ގުޅިގެން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން އެ ޕޯސްޓުގައި މެންބަރު ފަރުހަތު ވިދާޅުވީ، ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ މޯލްޑިވް ގޭސްގެ ޕްލާންޓް އަޕްގްރޭޑްކުރުމަށް ބޭނުންވާ މެޝިނަރީ ގެނައުމުގެ ދަތުރު ފެށިފައިވާ ކަމަށެވެ. އަދި މިއީ އުތުރުގެ ރައްޔިތުންނަށް މެޑިކަލް އޮކްސިޖަން ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް މެންބަރު ވިދާޅުވެފައިވެއެވެ.
"ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އަދި ޖުމްލަގޮތެއްގައި ރާއްޖޭން އުތުރުގައި ޞިއްޙީ ޚިދުމަތްތައް ހޯދައި މިންވަރު އިތުރުވެފައިވާތީ، ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުން ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ މޯލްޑިވް ގޭސްގެ ޕްލާންޓް އަޕްގްރޭޑްކުރުމަށް ބޭނުންވާ މެޝިނަރީ ގެނައުމުގެ ދަތުރު ފެށިފައިވާކަން އެންމެހާ ލޮބުވެތި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ." ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު ވިދާޅުވެފައިވެއެވެ.
މިކަމުގެ ސަބަބުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މެޑިކަލް އޮކްސިޖަންގެ ދަތިކަން ހައްލުވެ، މުޅި އުތުރުގެ ރަށްތަކަށް ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން މެޝިނަރީ އިންސްޓޯލްކުރުމަށްފަހު، މެޑިކަލް އޮކްސިޖަންގެ ސަޕްލައި އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް މެންބަރު ފަރުހަތު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!