ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، މި ކުށުގައި ބޭނުންކުރި ލޯންޗު ހޯދައިފިއެވެ.
މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. އެމީހުން ސޫޓްކޭސް ހިފައިގެން ފިލާފައި ވަނީ ލޯންޗެއްގައެވެ.
މި މައްސަލައާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ މި ޖަރީމާ ހިންގި މީހުން އަތުލައިގަތުމަށް ފުލުހުން ކުރި މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ވައިގެ ބަނދަރުގައި ހިނގި ވައްކަމުގެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ.
"މި ކުށުގައި ބޭނުންކުރި ސްޕީޑްބޯޓު އަތުލައި، ހަތަރު މީހުން ހައްޔަރުކުރުމުގައި ވަނީ ކާމިޔާބު ހޯދިފައި." މިނިސްތަރު ވިދާޅުވިއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އިހްސާން ނުދެއްވައެވެ.
ކ. ހުރައިން ''ތިލަދުން''އަށް މިއަދު ވާހަކަދެއްކި މީހަކު ބުނީ ލޯންޗެއްގައި މިއަދު ހެނދުނު އެރަށަށް ދިޔަ ބަޔަކާއި، އެ ލޯންޗް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުން މިއަދު އެރަށުގައި އޮޕަރޭޝަނެއް ހިންގުމަށް ފަހު، އެރަށުގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ތިއްބާކަމަށްކަމަށް ވެސް އެމީހާ ބުންޏެވެ.
ހުރައިން ހައްޔަރުކުރީ އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންތޯ ސާފުކުރަން ''ތިލަދުން'' އިން ފުލުހުންނާއި ކުރި ސުވާލަށް އަދި ޖަވާބު ނުދެއްވާތީ އެއީ އެމީހުންކަން އަދި ކަށަވަރެއްނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!