އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަކީ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ބާކީހުރި ހުރިހާ މަޝްރޫޢުތަކެއް ފެށޭނެ ބަޖެޓަކަށް ވެގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އޮޅުވެލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ވަގުތު މިހާރު ކައިރިވެފައިވާ ކަމަށާއި، މި ހަފުތާ ނިމުމުގެ ކުރިން ޤާނޫނުގައި ބުނާގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާނެ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި، އަޅުގަނޑު ވެފައިހުރި ވަޢުދުތަކުގެ ތެރެއިން، މި އަހަރު ޢަމަލީގޮތުން ސޮއިކުރެވި، މަސައްކަތް ފެށުނު މަޝްރޫޢުތަކުގެ އިތުރަށް، ދެންހުރި ވަޢުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫޢަކަށް، މި އަންނަ އަހަރު ބަޖެޓުގައި ޖާގަ އަޅުގަނޑުމެން ހަމަޖައްސާފައި، ބަޖެޓު މި ހުށަހަޅަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ވަޢުދުތައް ޢަމަލީގޮތުން ފުއްދުމުގެ މަސައްކަތްތައް ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެ ކަމަށް މީގެ ކުރިން އިޢުލާން ކުރައްވާފައިވާނެ ކަމަށެވެ. އެހެންކަމުން، އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ވެގެންދާނީ، ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ބާކީހުރި މަޝްރޫޢުތައް ފެށޭ ބަޖެޓަކަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށް ފަހިވާނެ ގޮތަށް އިތުރު ކަންކަން ވެސް ބަޖެޓުގައި ހުށަހަޅާފައިވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މި ބަޖެޓު އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުންތަކާއި އެދުންތަކަށް ސަމާލުކަން ދީގެން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!