ސްޕޭންގެ ޕާލަމެންޓުން، އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ ޤާނޫނެއް ފާސްކޮށްފިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ވިދާޅުވެފައިވާގޮތުގައި މި ޤާނޫނު ފާސްކުރުމުގެ މައިގަނޑު މަޤްޞަދަކީ "ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުން ހުއްޓުވުން" ކަމަށެވެ.

Ad
rt

މި ޤާނޫނު ފާސްކުރުމަށް ޕާލަމެންޓުގައި ނެގުނު ވޯޓުގައި 178 މެންބަރުން ތާއީދުކުރިއިރު، 169 މެންބަރުން ވަނީ އިދިކޮޅަށް ވޯޓުދީފައެވެ.

މި ޤާނޫނަކީ ސެޕްޓެމްބަރު މަހު ބޮޑުވަޒީރު ސާންޗެޒް އިޢުލާނުކުރެއްވި ޤަރާރެއް ޤާނޫނަކަށް ބަދަލުކުރުމަށް ފާސްކުރެވުނު ގާނޫނެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، ސާންޗެޒްއަކީ އިސްރާއީލުގެ ޢަމަލުތަކާމެދު އެންމެ ގަދައަށް ފާޑުކިޔާ ލީޑަރުންގެ ތެރެއިން އެކެއް ކަމެވެ.

އައު ޤާނޫނުގެ ދަށުން އިސްރާއީލަށް ދިފާޢީ އާލާތްތަކާއި، އުފެއްދުންތަކާއި ޓެކްނޮލޮޖީ އެކްސްޕޯޓްކުރުމާއި، އެފަދަ ތަކެތި އިމްޕޯޓްކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ސިފައިންނަށް ބޭނުންކުރެވިދާނެ ވައިގެ ދަތުރުފަތުރުގެ ތެލާއި، ޣައްޒާއާއި ވެސްޓް ބޭންކުގައި އިސްރާއީލުން އާބާދުކޮށްފައިވާ ޣައިރު ޤާނޫނީ އާބާދީތަކުން އަންނަ އުފެއްދުންތަކުގެ އިޝްތިހާރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

މި ޤާނޫނު ފާސްކުރުމާ ގުޅިގެން އިސްރާއީލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މީގެ ކުރިން 2024 ވަނަ އަހަރު ސްޕޭނުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅިގެން އިސްރާއީލުން ވަނީ ސްޕެއިނުގައި ހުރި އެ ޤައުމުގެ ސަފީރު އަނބުރާ ގެންގޮސްފައެވެ.

މި ޤާނޫނު ފާސްވުމާއެކު، ސްޕެއިނަކީ އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި ޔޫރަޕިއަން ޔޫނިއަންގެ ފުރަތަމަ ޤައުމަށް ވަނީ ވެފައެވެ. މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ނަސްލު ނައްތާލުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާހަގަކުރެއެވެ.