ޣައްޒާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް އިންސާނީ އެހީ ހިފައިގެންދާ އުޅަނދެއްގައި ޣައްޒާއަށް ދަތުރުރުކުރަމުންދާ، ދެކުނު އެފްރިކާގެ އެޕާޓައިޑް ދެކޮޅު މަޝްހޫރު ލީޑަރު، ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިފުޅު، މަންޑްލާ މަންޑޭލާ އޭނާ ހުރި އުޅަނދާއި އިސްރާއީލުގެ އަސްކަރިއްޔާގެ ބޯޓުތައް ކައިރިވަމުން އައުމާއެކު މުޅި ދުނިޔޭގެ މުޖުތަމަޢަށް މެސެޖެއް ހިއްސާކުރައްވައިފިއެވެ.

މަންޑްލާ މަންޑޭލާ ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުގެ ބޯޓުތަކުން އޭނާ ހުންނެވި އުޅަނދަށް ނުރައްކާ ކުރާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށެވެ.

Ad
rt

"އަޅުގަނޑުމެން މުޅި ދުނިޔޭގެ މުޖުތަމަޢުއަށް ގޮވާލަނީ ތިޔަ ބޭފުޅުންގެ ސަރުކާރުތަކަށް ޣައްޒާއަށް ރައްކާތެރިކަމާއެކު ދަތުރުކުރުމަށް ގޮވާލުމަށް ބާރު އެޅުއްވުމަށް." އޭނާގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

އިސްރާއީލުގެ ބާރުތަކުން ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވައި، އެކްޓިވިސްޓުން ހައްޔަރުކޮށްފިނަމަ، ވަގުތުން އެކްޓިވިސްޓުން ދޫކޮށްލުމަށް އެދި އެމީހުންގެ ސަރުކާރުތަކަށް ގޮވާލުމަށްވެސް މަންޑޭލާގެ ކާފަ ދަރިފުޅު ވަނީ ފްލޮޓިލާގެ ތާއީދުކުރާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

މީގެ ކުރިންވެސް ގްރެޓާ ތުންބަރގް ހިމެނޭގޮތަށް ގިނަ އެކްޓިވިސްޓުން ވަނީ ޣައްޒާއަށް ދަތުރުކުރަމުންދިޔަ އުޅަނދުތައް އިސްރާއީލުން އިންޓަރސެޕްޓްކުރުމަށްފަހު ހައްޔަރުކޮށްފައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރާ މި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގައި ހިމެނޭ އުޅަނދުތައް މިހާރު ޣައްޒާގެ ކަނޑުގެ ސަރަހައްދާ ވަރަށް ކައިރިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފްލޮޓިލާ ދަތުރުކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، އދ.ގެ ސްޕެޝަލް ރެޕޯޓަރ ފްރަންޗެސްކާ އަލްބަނީސް އަދި ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯވެސް ވަނީ ފްލޮޓިލާއަށް އެއްވެސް ގެއްލުމެއް ނުދީ ކުރިއަށް ދިއުމަށް ދޫކޮށްލުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.

އުޅަނދުތައް ޣައްޒާއާ ކައިރިވަމުންދާއިރު، ސުމޫދު ފްލޮޓިލާއިން ވަނީ އުޅަނދުގައި ތިބި މީހުންގެ ރައްކާތެރިކަމަށްޓަކައި ލައިވް ވީޑިއޯގެ ވަސީލަތްތައް ޤާއިމުކޮށްފައެވެ. މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދަތުރުގެ ހާލަތު ވަގުތުން ދެނެގަތުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.

އިސްރާއީލުން ވަނީ ޣައްޒާއަށް ދަތުރުކުރާ މި ފްލޮޓިލާ ހުއްޓުވުމަށް ހުވާކޮށްފައެވެ. އެމީހުން ބުނާގޮތުގައި ރެލަންޓިއަރުން އުޅެނީ "ޤާނޫނީ ގޮތުން ކަނޑުގެ ބްލޮކޭޑެއް އޮތް ސަރަޙައްދަކަށް ވަނުމަށް" އެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޤާނޫނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދޭންޖެހޭނެކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގެ ހަމަނުޖެހުން އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.