ރަށަކުން މީހުން ބަދަލުކުރުމުގެ އެއްވެސް ކަމެއް އެރަށެއްގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެކު ނޫނީ ނުކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މުލަކުތޮޅު ރަތްމަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ.

Ad
rt

ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ރަތްމަންދޫ ސްކޫލްގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި، ރަތްމަންދޫގެ ބައެއް ރައްޔިތުން ވަނީ، އެހެން ރަށަކަށް ބަދަލުވުމަށް އެދި ރައީސް އަރިހުގައި ދަންނަވާފައެވެ.

މިކަމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ޚަރަދުކުޑަ ފައިދާކުރަނިވި ހަރުދަނާ ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެއީ އެކަމަށް ރައްޔިތުން ބޭނުންވުމާއި، ބަދަލުވާން ގަސްދުކުރާ ރަށެއްގެ ރައްޔިތުންއެކަމަށް ބޭނުވުމާއި، އަދިވެސް އެހެނިހެން ކަންކަމާއި ގުޅިފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމަށާއި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިގޮތުން ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމަވައިފިނަމަ، ބަދަލުވާ ރަށެއްގައި މީހާރު ރަތްމަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން މަޝްރޫޢެއް ކުރިއަށް ގެންގޮސްދެވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރަތްމަންދޫއިން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކާއި، ރަށުން ބަދަލުވާން ބޭނުންނުވާ ފަރާތްތަކުން ވަނީ އެމީހުންގެ ޚިޔާލު ރައީސް މުޢިއްޒު އާއި ހިއްސާކުރައްވާފައެވެ.