ހއ. އިހަވަންދޫ އައިސްޕްލާންޓުން މަސްވެރިންނަށް އައިސް އުފުލުމަށްޓަކައި އިހަވަންދޫ ކައުންސިލުގެ ފަރާތުން އުޅަނދެއް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާހު އެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ޒާހިރު އެވެ.

Ad
rt

އިހަވަންދޫ މަސްވެރިންނަށް ކައުންސިލުން މިވެދިން އެހީއާއި ގުޅިގެން ކައުންސިލުގެ ރައީސް ޞަބާހު "ތިލަދުން" އަށް ވިދާޅުވީ މި މަސައްކަތުގެ މަޤުސަދަކީ ރައްޔިތުންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ދަމާގާޑިޔަލުގައި އައިސް އުފުލަން ނުޖެހޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކައުންސިލުން އިހަވަންދޫ ރައްޔިތުންނަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ އުޅަނދަކީ އައިސް ޓްރަކް އެކެވެ.

އެގޮތުން މި އުޅަނދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނެވުމަށްފަހު މަސްވެރިނަންނަށް އުޅަނދު ބޭނުން ކުރެވޭނެކަމަށް ރައީސް ޞަބާހް ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ އުތުރުގެ މަސްވެރިކަމުގެ ސިނާއަތުގައި އިހަވަންދޫ އަކީ ފާހަގަކޮށްލެވޭ ރަށެކެވެ. އަދި އެ ސަރަހައްދުުގެ ގިނަ މަސްވެރިން އިހަވަންދޫ އަށް އައިސް ކިރަން ދާއިރު ކައުންސިލުން މި ވެދިން އެހީ އަކީ މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.