ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

އީސީން މިއަދު ބުނެފައިވަނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން މިއަހަރުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވަނީ 5 ޕާޓީއެއްގައެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ (އޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

Ad
rt

މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ކަމަށްވާއިރު، އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ލިބޭނެއެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެމްޑީޕީއަށް ކަމަށްވާއިރު، އެ ޕާޓީއަށް 8.4 މިލިއަން ރުފިޔާ ލިބޭނެއެވެ. ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ ލިބޭއިރު، އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ލިބޭނެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާ ގޮތުން، ޕާޓީތަކަށް ދޫކުރާ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓަށްވާ ފައިސާއެވެ. މިގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންގެ ނިސްބަތުން ބޮލަކަށް 193.23 ރުފިޔާގެ މަގުން ފައިސާ ދޫކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައި ކަމަށްވާއިރު، އެ ޕާޓީގައި 68،665 މެންބަރުން ތިބިއެވެ. އެމްޑީޕީގައި 43،765 މެންބަރުންނާއި، ޖޭޕީގައި 13،456 މެންބަރުންނާއި، އެމްޑީއޭގައި 9،011 މެންބަރުންނާއި އަދި އަދާލަތު ޕާޓީގައި 8،844 މެންބަރުން ތިބިކަމަށް ދަފްތަރުން ދައްކައެވެ.