ގއ. މާމެންދޫގައި މީގެ ފަސް އަހަރު ކުރިން މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ފެބްރުއަރީ, 2021 ގައި މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށެވެ.

Ad
rt

އޭގެ ތެރެއިން ކުށް ސާބިތުވީ ޝަމީމާއި މާޒިންގެ މައްޗަށެވެ. އުދައްޔު މަރާލި މައްސަލާގައި ޝަރަފްގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެރޭ އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

ދައުވާތަކާމެދު ގޮތް ނިންމަވަމުން ގާޒީ ފާހަގަކުރެއްވި ގޮތުގައި އުދައްޔު މަރުވި ހަމަލާ ދީފައިވަނީ އަހުމަދު މާއިޝް ޒަކީ ކިޔާ މީހަކަށް ވީ ނަމަވެސް، އޭނާއަށް އެހީތެރިވުމުގައި މާޒިން އާއި ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެހެންވެ، އުދައްޔު މަރާލުމުގައި މާއިޝް ޒަކީއާ އެކު މާޒިން އާއި ޝަމީމް އަމަލީގޮތުން ބައިވެރިވުމުގެ އަމަލުތަކެއް ކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވީކަން ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.

ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނެގުމާއި، އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެކަމަށް އަންނަ މަހުގައި އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ގާޒީ ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެ މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.