ހދ. ނައިވާދޫގެ ރައްޔިތުންނަށް ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް އަޅައިދީ، ރަށުގެ މަގުތައް ހަދައި، ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރަށުގެ ތަރައްޤީއަށް ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ތަރައްޤީކުރުން ހިމެނޭއިރު، ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހެލްތު ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށާއި، އޭގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތްވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ހެލްތު ސެންޓަރުގެ މަޝްރޫޢު ފެށުމުގެ ކުރިން ރަށަށް އެމްބިއުލާންސެއް ހޯއްދަވައިދެއްވާނެއެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގުތައް ހައްދަވައިދެއްވާނެ ކަމަށާއި، ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް އަޅުއްވައިދެއްވާނެ ކަމަށާއި، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!