އިސްރާއީލްގެ ޔަހޫދީ ދައުލަތަކީ ކެންސަރެއް ގޮތުގައި އީރާނުން ދެކޭ ކަމަށާއި، އެމެރިކާ އަކީ އެމީހުންނާ ވާގިވެރިވާ ކުށްވެރިންތަކެއް ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

ދުވަސްތަކަށްފަހު ހާމަނާއި އިއްޔެ ވަނީ އިސްރާއީލާއި އެމެރިކާ އިން އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ހާމަނާއި ވިދާޅުވެފައިވާ ގޮތުގައި، އީރާނުން އެއްވެސް ކަމަކާއި ކުރިމަތިލާނީ މާތްﷲގެ އިރާދަފުޅާއެކު އެކަމަށް ފުރިހަމައަށް ތައްޔާރުވެ، ހަތިޔާރު ހަމަކޮށްގެންނެވެ.

Ad
rt

''އާނ، އަހަރެމެން ޔަހޫދީން (އިސްރާއީލު)ގެ ވެރިކަން ދެކެނީ ކެންސަރެއްގެ ގޮތުގައި، އަދި އެމެރިކާގެ ވެރިކަމަކީ އެ ވެރިކަމަށް އެހީތެރިވުމުގެ ސަބަބުން ކުށްވެރި ވެރިކަމެއް ކަމަށް އަހަރެމެން ޤަބޫލުކުރަން، ނަމަވެސް، އަހަރެމެން ހަނގުރާމައަކަށް ނުދަން، އެހެނަސް ޢަދުއްވު ހަމަލާދިން ހިނދު، އަހަރެމެންގެ ޖަވާބުގައި ގަދަފަދަ ޖަވާބެއް ދިނިން'' ދާދިފަހުން އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި ގުޅުވައި ހާމަނާއީ ވިދާޅުވެފަވެއެވެ.

އިސްރާއީލުން އިސްވެ ފެށި އެ ހަނގުރާމައަށް އީރާނުން ވަނީ ބާރުވެރިކަމާ އެކުގައިކަމަށާއި، މިކަމުގެ ހެއްކަކީ ޔަހޫދީ ވެރިކަމުން (އިސްރާއީލުން) އެމެރިކާގެ ކިބައިން އެހީއަށް އެދެން މަޖުބޫރުވުންކަމަށް ހާމަނާއީ ވިދާޅުވެފަވެއެވެ. އިސްރާއީލަކީ ތިހާ ވަރުގަދަ، އަމިއްލައަށް ދިފާޢުވެވޭ ބަޔެއް ނަމަ އެމެރިކާގެ އެހީއަށް އެދެން ނުޖެހުނީސްކަަމަށް ހާމަނާއީ ވިދާޅުވިއެވެ. އިސްރާއީލަށް ހަނގުރާމާގައި ކުރި ނުހޯދި އެމެރިކާގެ ކިބައިން އެހީއަށް އެދުނުކަމަށާއި، އެއަށްފަހު އެމެރިކާއިން އީރާނަށް ހަމަލާދިންކަމަށް ހާމަނާއި ވިދާޅުވެފަވެެވެ.

''އަހަރެމެން ޖަވާބުގައި ދިން ހަމަލާ އެމެރިކާއަށް ވަރަށް މުހިންމު ހަމަލާއަކަށްވި، މާތްﷲގެ އިރާދަފުޅާއެކު އަހަރެމެންނަށް ކާމިޔާބުވި، ސެންސަރުކުރުން ނައްތާލުމުން އީރާނުން ޙަޤީޤަތުގައި ކޮށްފައިވާ ކަންތައްތައް ސާފުވެގެންދާނެ'' ހާމަނާއީ ވިދާޅުވެފަވެއެވެ.

ހާމަނާއި ވިދާޅުވެފައިވާ ގޮތުގައި އީރާނުން ހަމަލާދިން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު [އަލް އުދައިދު އެއަރ ބޭސް] އަކީ މި ސަރަޙައްދުގައި ހުރި އެމެރިކާގެ ވަރަށް މުހިންމު މަރުކަޒެކެވެ. މި ހަމަލާއަކީ ވަރަށް ބޮޑު ހަމަލާއެއް ކަމަށާއި، ނަމަވެސް، އެމެރިކާއަށް އަދި އެހެން ފަރާތްތަކަށްވެސް މިއަށްވުރެ މާ ބޮޑު ހަމަލާއެއް ދެވުމަކީ ހަމަޔަޤީނުން ވެސް ކުރެވިވިދާނެ ކަމެއްކަމަށް ހާމަނާއީ ވަނީ ވިދާޅުވެފައެވެ.

ކުރިން އެމެރިކާގެ ނަން އިވުނަސް މީހުން ބިރުގަނޭ، މިހާރު އީރާންދެކެ ބިރުގަންނީ އެމެރިކާ: ހާމަނާއީ

12 ދުވަހުގެ ހަނގުރާމަ

13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ އިސްރާއީލް މީން ޒަމާނަކު ނުދެކޭހާ ފަހަތައް ސޮއްސާލާ މިންވަރަށް ރައްދު ހަމަލާތައްދީ ހަނގުރާމައިން އިސްރާއީލް ބަލިކޮށްފައެވެ. އެމެރިކާއިން ބޭނުންވި ގޮތައް އިސްރާއީލް ލައްވައި ހަނގުރާމަ ކުރުވައި އީރާނު ބަލިނުވުމުން 21 ޖޫންގައި އެމެރިކާ އިން ވެސް އީރާނަށް ވަނީ ހަމަލާދީފައެވެ. އެ ހަމާލާގެ ރައްދުގައި އީރާނުން ވަނީ ޖޫން 22 ވަނަ ދުވަހުގެ ރޭ ގަތަރުގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒަށް ހަމަލާދީފައެވެ. މި ހަމަލާއަށްފަހު މަދު ގަޑިތަކެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލަން އީރާނާއި އިސްރާއީލް އެއްބަސްވެއްޖެކަމަށް ޢުއާންކޮށްފައެވެ. އެއަށްފަހު ވެސް ދެ ޤައުމުން ހަމަލާ ބަދަލުކުރިނަމަވެސް އެއްބަސްވި ވަގުތުން ފެށިގެން ހަމަލާތައް ވަނީ ހުއްޓާލާފައެވެ.