އީރާނުގެ އިސްލާމީ އިންޤިލާބުގެ ކުރިން، އެމެރިކާގެ ނަން އިއްވުމުންވެސް އީރާން މީހުން ބިރުގަންނަކަމަށާއި، ނަމަވެސް މިހާރު އީރާން ދެކެ ބިރުގަންނަނީ އެމެރިކާ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.
13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ އިސްރާއީލް މީން ޒަމާނަކު ނުދެކޭހާ ފަހަތައް ސޮއްސާލާ މިންވަރަށް ރައްދު ހަމަލާތައްދީ ހަނގުރާމައިން އިސްރާއީލް ބަލިކޮށްފައެވެ. އެމެރިކާއިން ބޭނުންވި ގޮތައް އިސްރާއީލް ލައްވައި ހަނގުރާމަ ކުރުވައި އީރާނު ބަލިނުވުމުން 21 ޖޫންގައި އެމެރިކާ އިން ވެސް އީރާނަށް ވަނީ ހަމަލާދީފައެވެ. އެ ހަމާލާގެ ރައްދުގައި އީރާނުން ވަނީ ޖޫން 22 ވަނަ ދުވަހުގެ ރޭ ގަތަރުގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒަށް ހަމަލާދީފައެވެ. މި ހަމަލާއަށްފަހު މަދު ގަޑިތަކެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލަން އީރާނާއި އިސްރާއީލް އެއްބަސްވެއްޖެކަމަށް ޢުއާންކޮށްފައެވެ. އެއަށްފަހު ވެސް ދެ ޤައުމުން ހަމަލާ ބަދަލުކުރިނަމަވެސް އެއްބަސްވި ވަގުތުން ފެށިގެން ހަމަލާތައް ވަނީ ހުއްޓާލާފައެވެ.
އެ ހަނގުރާމައަށްފަހު ހާމަނާއީ ރަސްމީކޮށް އާންމުންނަށް ފެނިފައި ވަނީ މިމަހު 5 ވަނަ ދުވަހު (އާޝޫރާ ދުވަހު) އެވެ. އެއަށްފަހު ހާމަނާއި މިއަދު ވަނީ އީރާންގެ ޝަރުޢީ ދާއިރާގެ އެންމެ އިސްވެރިޔާ އަދި އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ހާމަނާއީ އާންމުކުރެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ހަމަ ޔަޤީނުންވެސް އީރާން ކާމިޔާބު ހޯދާނެ ކަމަށެވެ. އެއަށްފަހު މިފަހުން ޔަހޫދީން އީރާނާއި ދެކޮޅަށް ކުރި ހަނގުރާމާގައި އީރާނުން މަތިވެރި ކާމިޔާބެއް ހާސިލްކޮށްފައިވާކަމަށް ހާމަނާއީ ވަނީ ވިދާޅުވެފައެވެ. އަދި ޔަހޫދީ ވެރިކަމުގެ ބާރާ ކުރިމަތިލުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު އަގުހުރި ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.
''އީރާނުގެ އިސްލާމީ އިންޤިލާބުގެ ކުރިން، އެމެރިކާގެ ނަން އިއްވުމުންވެސް މީހުން (އީރާން މީހުން) ބިރުގަތް، އެމީހުންނާ (އެމެރިކާއާއި) ޙަޤީޤީ ގޮތެއްގައި ކުރިމަތިލުމުގެ ވާހަކަ ވެސް ދައްކަންނުކެރޭ، އެކަމަކު މިހާރު އެ ޤައުމު (އީރާން) ވަނީ އެމެރިކާދެކެ ބިރުނުގަންނަ ހިސާބަށް ގޮސްފައި، އޭގެ ބަދަލުގައި އެމީހުން (އެމެރިކާ) ބިރުގަންނަނީ އީރާންދެކެ'' ހާމަނާއީ ވިދާޅުވެފަވެއެވެ.
ހާމަނާއީ އިތުރަށް ވިދާޅުވީ، އީރާނު އަތުގައި އެ ޤައުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެބަހުރިކަމަށެވެ. އީރާނަށް އަސްކަރީ ދާއިރާއިންނާއި ޚާރިޖީ ދާއިރާއިން ވެސް ހުރިހާ ބާރަކާއި ވަސީލަތެއް ލިބިފައިވާކަމަށާއި، އީރާނުގައި ދެރަ އެއްވެސް ދާއިރާއެއް، ގުނަވަނެއް ނުވާނެކަމަށް ހާމަނާއި ވިދާޅުވެފަވެއެވެ.
އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމަ ހުއްޓާލިނަމަވެސް އަދި ވެސް އަންނަނީ އެކި ޒާތްޒާތުގެ އިންޒާރު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!