ތަޢުލީމާއި ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް (ފޮރިން ސެކްރެޓަރީ) ރައިޓް ޑޭވިޑް ލެމީ އެމް.ޕީ އިއްޔެ ވަނީ ރައީސް މުޢިއްޒާއި ބައްދަލުކުރަށްވާފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ބެހޭގޮތުންނެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިނޫންވެސް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިކަމަށެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!