ކުޅުދުއްފުށީ ސިޓީގެ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ ކްރިސަލިސް އެން.ޖީ.އޯ އަދި ސިގްސް އެން.ޖީ.އޯ އާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

Ad
rt

އެގޮތުން ސްރީލަންކާ އަދި ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި ހަމަނުޖެހުން ހުއްޓުވަމަށާއި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ކާރިސާތަކަށް މުޖުުތަމައު ތައްޔާރުކުރުމުގެ މަގުސަދުގައި މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން މި ޕްރޮޖެކްޓުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.

ސިޓީ ކައުންސިލުން މިކަމަށް ހުޅުވާލައި އާންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނެ ޖަމިއްޔާތަކުގެ ޝަރުތުތަކަކީ، ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ތަޖުރިބާ ނުވަތަ ޝައުގުވެރިކަން ހުރެފައި، ދެމެހެއްޓެނިވި ސުލްހަ ޤާއިމްކުރުމަށް ސްޓްރެޖެޓީއެއް އޮތުމާއެކުން ޒުވާނުން/އަންހެނުން އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާއަކަށް ވާންޖެހޭނެކަމަށެވެ.

މީގެ އިތުރުން، ހަމަނުޖެހުންތަކަށް ޙައްލު ހޯދަން އަދި އެންމެން ހިމެނޭހެން ރަށު ނުވަތަ ޤައުމީ ފެންވަރުގައި މަސައްކަތްކުރެވޭނެ ޖަމިއްޔާއަކަށް ވެފައި، ހދ، ކުޅުދުއްފުށި، ނ. ކުޑަފަރި، ކ. ގުރައިދޫ ނުވަތަ ލ. ހިތަދޫއަށް ނިސްބަތްވާ ޖަމިއްޔާ އަކަށް ވާންޖެހޭނެކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި މި ޕްރޮޖެކްޓުގައި ބައިވެރިވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި މަސައްކަތާއި ހުނަރާއި ފަންނު ތަރައްޤީކުރުމުގެ ފުރުސަތު ލިބި، ސްޓްރެޓަޖީތައް ތަންފީޒުކުރުމަށް 12 މަހާ ހަމައަށް ފަންޑިންގ އަދި އެހީތެރިކަން ލިބުމުގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއި ގުޅުން ބަދަހިވެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ.

މި ޕްރޮޖެކްޓުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ ގޫގުލް ލިންކް މެދުވެރިކޮށް 19 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެ ކުރިން ނުވަތަ 18 ޖުލައި 2025 ވާ ހުކުރު ދުވަހުގެ ކުރިން ރަސްމީ ގަޑިތަކުގައި ސިޓީ ކައުންސިލް އިދާރާއަށް ފޯމު ހުށަހަޅައިގެންނެވެ.