2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުވެރި ވޯލްޑް ކަލިނަރީ އެވޯޑްސްގައި ތިން ދާއިރާއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން މިކަން ސިފަކޮށްފައި ވަނީ ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި އަދި މީރު ކެއިންބުއިމަށް ލިބިގެންދިޔަ ބޮޑު ޝަރަފެއްގެ ގޮތުގައެވެ. މި ނޮމިނޭޝަންތަކަކީ ދިވެހިރާއްޖޭގެ ކެއިންބުއިމުގެ ދުނިޔޭގައި އަބަދީ މަޝްހޫރުކަމެއް ލިބިފައިވާ މޮޅުކަން ދައްކުވައިދޭ ހެކިތަކެއްކަމަށް އެ ވުޒާރާއިން ބުންޏެވެ.
''މި ކާމިޔާބީއާ އެކު، ދިވެހި ކެއިންބުއިމުގެ ދުނިޔޭގެ މަޝްރަހުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ، ރާއްޖޭގެ ކެއިންބުއިމަށް ލިބުނު މި ބޮޑު ޝަރަފަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭ'' އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން މިކަމާއި ގުޅިގެން އިތުރަށް ރާއްޖެ އިސްތިހާރުވެގެންދާނެ ކަމަށް ވެސް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ވޯލްޑް ކަލިނަރީ އެވޯޑްސް 2025 ގައި ރާއްޖެ ނޮމިނޭޓް ގިންތިތަކަކީ "ވޯލްޑްސް ބެސްޓް ޑެސްޓިނޭޝަން ފޯ ހެރިޓޭޖް ކުއިޒީން 2025" އަދި "އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން 2025" އެވެ. މީގެ އިތުރުން، ރާއްޖޭގެ ވެރިރަށް މާލެ ވަނީ "އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން 2025" އަށް ނޮމިނޭޓްވެފައެވެ.
ވޯލްޑް ކަލިނަރީ އެވޯޑްސްއަކީ ކެއްކުމުގެ ދާއިރާގައި ތަފާތު ކާމިޔާބީތައް ހޯދާ ފަރާތްތަކަށް އެކަން ފާހަގަކޮށް އިނާމު ދިނުމަށް ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ ގްލޯބަލް އިނީޝިއޭޓިވްއެވެ. މި އެވޯޑްތަކަކީ ފެންވަރު ރަނގަޅުކަމުގެ ހެއްކެއް އަދި ކެއްކުމުގެ ދުނިޔޭގައި ހިމެނޭ އުފެއްދުންތެރިކަމާއި ޝައުޤުވެރިކަން ދައްކުވައިދޭ ވަރުގަދަ ހެއްކެކެވެ. މި އެވޯޑްތަކުގެ ވިޖައުންތައް ހޮވުމަށް ވޯޓުލާނީ ކަމާބެހޭ ޕްރޮފެޝަނަލުންނާއި، އިންޑަސްޓްރީގެ މާހިރުންނާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކެވެ.
ވޯލްޑް ކަލިނަރީ އެވޯޑްސް 2025 އަށް ވޯޓުލުން މިހާރު ވަނީ ފެށިފައެވެ. އަދި މި ވޯޓުލުން ކުރިއަށްދާނީ 15 އޯގަސްޓް 2025 އާ ހަމައަށެވެ.
މި ވޯޓުތަކުގައި ރާއްޖެ ނޮމިނޭޓްވި ގިންތިތަކަށް ވޯޓު ދިނުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!