ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހާމަކޮށްފިއެވެ.

އެގޮތުން މެޓް އޮފީހުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ 9 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށެވެ.

Ad
rt

އަދި އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ މި ދުވަސްވަރު މޫސުން ގޯސްވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިސާނެ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދެމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާ އެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 އަށް ގުޅުއްވާށެވެ.