"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
މިކަން ރައީސް ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މީގެ ތެރެއިން، ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ބަންދަށް ލުއި ދިނުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މަހުގެ 22 ވަނަ ދުވަހު ވަނީ މި ނިޒާމުގެ ދަށުން ބަންދަށް ލުއި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވޭނީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ތައްޔާރުކުރެވޭ ޚާއްސަ އެސެސްމަންޓަކަށް ފަހުގައެވެ.
މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރެވޭނެއެވެ. އަދި ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުތަކާ އެކުގައެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ބަންދަށް ލުއި ދީފައިވާ މީހަކު ޝަރުތަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެއެވެ. އަދި ކޮންމެ 100 ދުވަހަކުން އެއްފަހަރު ޝަރުތުތައް މުރާޖަޢާ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!