ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / މިނާ، އިބްރާހީމް ޝާއިން ސަޢީދު (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެބުރުވަރީ 27 ވަނަ ދުވަހުގެ ރޭ، ހިޔާ ޓަވަރު 3 ގެ 24 ވަނަ ފަންގިފިލާއިންނެވެ.

Ad
rt

ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އިބްރާހީމް ޝާއިން ސަޢީދުގެ އަމަލުތައް ހުރިގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ގެންގުޅޭކަމަށް ތުހުމަތުުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނެވެ. ހިޔާ ޓަވަރު 3 ގެ 24 ވަނަ ފަންގިފިލާގެ އުތުރުފަރާތު ސިޑިގޮޅި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 42 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނުނުކަމަށް ފުލުހުން ބުންޏެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.98 ގުރާމެވެ.

މި މައްސަަލައާ ގުޅިގެން އިބްރާހީމް ޝާއިން ސަޢީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބުރުވަރީ 28 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި މި މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.