ރާއްޖެއަށް ކިލޯއެއްގެ ޑްރަގް އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖުލައި، 2023 ގައި ވައިގެމަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި އަހުމަދު ވިސާމް ނަމަކަށް ކިޔާ މީހަކު ގެނައި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ފުޅިއެއްގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ފެނިފައިވެ އެވެ.
ޑްރަގް އެތެރެކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވިޔަސް، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 50،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
އެއީ ދައުލަތާއި އެ މީހާއާ ދެމެދު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން، އޭނާ ކުށަށް އިއުތިރާފްވުމުންނެވެ.
އޭނާ 12 އަހަރަށް ޖަލަށްލިޔަސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އެއް އަހަރާއި ހަތް މަސް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ހުކުމުން މުއްދަތުން އުނިކުރުމުން އޭނާ ޖަލުގައި ހޭދަކުރާނީ 10 އަހަރާއި 11 މަސް ދުވަހުުގެ ޖަލު ހުކުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!