އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުލަމް ޖާގަ ހޯދައިފިއެވެ.

ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނު އިރުވެސް ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުލަމް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ފުލަމްއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކަލްވިން ބާސީ އެވެ. ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 71 ވަނަ މިނެޓުގައި ގަނާޗޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ޕެނަލްޓީގައި، ފުލަމް އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، ރައުލް ހިމެނޭޒް، ސަންޑަ ބާގާ، ވިލިއަން އަދި އެންޓޮނީ ރޮބިންސަން އެވެ. ޔުނައިޓެޑްގެ ފުރަތަމަ ތިން ޕެނަލްޓީ ފެނާންޑޭސް، ކަސެމީރޯ އަދި ޑިއޯގޯ ޑަލޯ ކާމިޔާބުކުރި ނަމަވެސް، ދެން ފޮނުވާލި ދެ ޕެނަލްޓީ ޒާކްޒީ އާއި ލިންޑެލޯފް އަތުން ވަނީ ނާކާމިޔާބުވެފައެވެ.