ޚަަރަދު ކުޑަކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔތު ކޮމެޓީން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ލަފާދީފިއެވެ.
މި ލަފާ ހިމެނޭ މާލިއްޔަތު ކޮމެޓީގެ ރިޕޯޓު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މި ރިޕޯޓުގައި ކޮމެޓީން ރައީސަށް އަރުވާ ލަފައެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މިޑިއާ ކައުންސިލާއި، ބްރޯޑްކޮމް އެއްކޮށްލައިފިނަމަ އެފިޝަންސީ އިތުރުކުރެވި، ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ކޮމެޓީއަށް ފެންނަކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދި މި ދެ މުއައްސަސާގެ އިތުރު އެއްކޮށްލައިގެން މި ނަތީޖާ ހާސިލް ކުރެވޭނެ މުއައްސަސާތައް ދެނެގަނެ، އެ މުއައްސަސާތައް އެއްކޮށްލުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން އަވަސް ކުރުމަށް ވެސް ވަނީ ކޮމެޓީން ލަފާއަރުވާފައެވެ.
އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ތަންފީޒުކުރެވިއްޖެނަމަ ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަމަށް ކޮމެޓީއަށް ފެންނަކަމަށް ވެސް މާލިއްޔަތު ކޮމެޓީގެ ލަފާގައި ބުނެފަވެއެވެ.
މޯލްޑިވްސް މިޑިއާ ކައުންސިލާއި، ބްރޯޑްކޮމް އެއްކޮށްލުމުގެ ވިސްނުމަކީ ފާއިތުވި ދެ ސަރުކާރުން ވެސް ގެންގުޅުނު ވިސްނުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!