ރަޝިޔާގެ ރައީސް ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ދެބޭފުޅުން ފޯނުން ގުޅުއްވާ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޯމަ ދުވަހު ދެ ލީޑަރުން ދިގު ފޯން ކޯލެއް ކުރެއްވި އިރު، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމާއި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ކުރިއެރުވުމާ ބެހޭގޮތުން ފުޅާ މަޝްވަރާއެއް ކުރެއްވިއެވެ. އިޤްތިޞާދު، ވިޔަފާރި، އިންވެސްޓްމަންޓް، ޘަޤާފަތް، ތަޢުލީމް އަދި ކުޅިވަރުގެ ދާއިރާތަކުގައި ދެފަރާތަށް ފައިދާ ހުރި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

Ad
rt

މީގެއިތުރުން، ދެގައުމަށްވެސް ކުރިމަތިވެފައިވާ ހަނގުރާމައިގެ ހާލަތާއި، ސަރަޙައްދީ ދެބަސްވުންތައް ހައްލުކުރެވޭ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ދެގައުމުން ކުރެ ކޮންމެ ގައުމަކަށްވެސް ދުޝްމަނުންގެ ކިބައިން އަތުވެދާނެ ނުރައްކަލެއް އޮތްނަމަ އެކަމަކަށް އެހީތެރިވެދީ އަމަލީ ގޮތުން އެއްބާރުލުން ދިނުމަށްވެސް މަޝްވަރާ ކުރެއްވި ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ފަހަކަށްއައިސް ރަޝިޔާއާއި އެމެރިކާއާ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކާބެހޭ މަޢުލޫމާތު މިފޯންކޯލްގައި ޕުޓިން، ޝީގެ އަރިހުގައި ޙިއްސާކުރެއްވިއެވެ. ރަޝިޔާއާއި އެމެރިކާއާ ދެމެދު ފެށިފައިވާ ޑައިލޮގަށް އެއްބާރުލުން ދެއްވާކަމަށާއި، ޔުކްރެއިންގެ ހަނގުރާމަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް މަގެއް ހޯދުމަށް ޗައިނާއިން އެހީތެރިވުމަށް ތައްޔާރަށް ހުރިކަމަށް ޝީ ވިދާޅުވިއެވެ.

ދެ ލީޑަރުން ފާހަގަކުރެއްވި ގޮތުގައި ރަޝިޔާއާއި ޗައިނާގެ ސިޔާސީ ގުޅުމަކީ ދުނިޔޭގެ ކަންކަމުގައި މުހިންމު ނިންމުންތަކެއް ނިންމި ދާނެ ވަރުގަދަ ބާރެކެވެ. މި ގުޅުމަކީ ސިޔާސީ ތަޢައްސަބުން އެއްކިބާވެފައިވާ، އަދި އެއްވެސް ފަރާތަކާ ދެކޮޅަށް އަމާޒުކުރެވިފައިނުވާ ގުޅުމެއް ކަމަށް ދެލީޑަރުންވެސް ވިދާޅުވެއެވެ.