މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރަންޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަމަށް މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފި އެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، އެ ޤައުމުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް މުސްލިމުން އެންމެން އަތުގުޅައިލަންޖެހެއެވެ.
ޚުޠުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި، މާތް ﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. އަދި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ޚުޠުބާގައި ބަޔާންކޮށްފައިވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑުކަމަށެވެ. އެތައް ދުވަހެއް ވަންދެން ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ވާހަކަ ފާހަގަކޮށްފައިވެއެވެ. މި ހަނގުރާމައަކީ އިންސާނީ ތާރީޚު ދެކެފައިނުވާފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެއްކަމަށް ބުނެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގި ޢުދުވާނާ ގުޅިގެން ރާއްޖެއިން ވެސް ވަނީ އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. އަދި މި ރާއްޖޭގެ ރައްޔިތުންވަނީ ޣައްޒާގެ އަޚުންނާއި އުޚުތުންނާ ބައިވެރިވުމުގެ ގޮތުން، މުދަލުން ހޭދަކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
"ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި އަޑުއުފުލައިފައެވެ. ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރަކީ އެ ނަޞްރުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވާ ނަޞްރެކެވެ."
ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެއްތެރިކަމާއި އުޚުއްވަތްތެރިކަމާއި، ނުގުޑާ ފަދަ ޢަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، ﷲއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމައެއްކަމަށާއި މި ހަނގުރާމައިގައި ގާތްގަނޑަކަށް ފަންސާސް ހާސް މީހުން ޝަހީދުވެފައިވާކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި މުސްކުޅީންނާއި އިލްމުވެރީންނާއި ފަލަޞްޠީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރަމުން ދިޔަ އެތައް ލީޑަރުންނެއް ހިމެނެއެވެ. މުޅި ޣައްޒާވަނީ ބިމާހަމަވެފައެވެ.
ހަނގުރާމަތަކުގައި ނަޞްރު ލިބެނީ ލަޝްކަރުގެ ޢަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫންކަމަށްވެސް ބުނެފައިވެއެވެ.
ޚުޠުބާ ނިންމާލަމުން، އުންމަތުގައި ވަރުގަދަ އިޞްލާޙީ މަސައްކަތްތަކެއް ކުރުމަށް ޢަޒުމް ކަނޑައަޅާ މި ކަމުގައި މާތް ﷲ، މި ރާއްޖޭގެ ވެރިންނަށާއި ރައްޔިތުންނަށް ތައުފީޤު ދެއްވުމަށް އެދި ދުޢާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!