ޗައިނާގެ ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި "ބޭނުންވާ ފިޔަވަޅުތައް" އަޅާނެކަމަށް ބުނެ ބުރާސްފަތި ދުވަހު ޗައިނާއިން އެމެރިކާއަށް އިންޒާރުދީފިއެވެ. މިއީ އެމެރިކާގެ ބައިޑެން އިދާރާއިން މިހަފްތާގެ ތެރޭގައި ޗައިނާގެ ވިޔަފާރި ކުންފުނިތަކެއް މަނާކުރުމަށް އައު އެކްސްޕޯޓް ހަނިކުރުންތަކެއް ހާމަކޮށްފާނެކަމަށް ބެލެވޭތީ ދިން އިންޒާރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފާއިތުވި ހަފްތާގައި، އެމެރިކާގެ ޗެމްބަރ އޮފް ކޮމާސްއިން މެމްބަރުންނަށް އީމެއިލެއް ފޮނުވައި އަންގާފައިވަނީ، ބައިޑެން އިދާރާއިން 200 އާ ގާތްކުރާ ޗައިނާގެ ޗިޕް ކުންފުނިތަކެއް ވިޔަފާރީގެ ބްލެކްލިސްޓަކަށް އިތުރުކުރުމަށް ވިސްނަމުންދާކަމަށެވެ. މިގޮތަށް ހެދިއްޖެނަމަ، އެމެރިކާގެ ގިނަ ސަޕްލަޔަރުންނަށް އެ ކުންފުނިތަކަށް މުދާ ފޮނުވުން ހުއްޓުވޭނެއެވެ.
ބުރާސްފަތި ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗައިނާގެ ވިޔަފާރިއާބެހޭ މިނިސްޓްރީގެ ތަރުޖަމާނު ހޫ ޔަޑޮންގ ވިދާޅުވީ، އެމެރިކާއިން ޤައުމީ ސަލާމަތުގެ މަފްހޫމް ފުޅާކޮށް، ޗައިނާގެ ކުންފުނިތަކަށް އަމާޒުކޮށް ކޮންޓްރޯލް ފިޔަވަޅުތައް "ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ" ޗައިނާއިން "ހަރުކަށި އިބާރާތުން" އެކަން ކުށްވެރިކުރާ ކަމަށެވެ.
"މި ފިޔަވަޅުތަކުން ބައިނަލްއަޤްވާމީ އިޤްތިޞާދީ އަދި ވިޔަފާރީގެ ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށް، ދުނިޔޭގެ ޞިނާޢީ ސަލާމަތަށް ނުރައްކާވެ، ޗައިނާއާއި އެމެރިކާގެ އެއްބާރުލުމުގެ މަސައްކަތްތަކަށާއި ދުނިޔޭގެ ސެމިކޮންޑަކްޓަރ ޞިނާޢަތަށް ގެއްލުންވާނެ،" ހޫ ވިދާޅުވިއެވެ.
"އެމެރިކާއިން ކޮންޓްރޯލް ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށށިކުރުމަށް ނިންމައިފިނަމަ، ޗައިނާގެ ވިޔަފާރިތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބޭނުންވާ ފިޔަވަޅުތައް ޗައިނާއިން އަޅާނެ،" އޭނާ އިތުރުކުރެއްވިއެވެ.
އެމެރިކާއިން ސެމިކޮންޑަކްޓަރުތަކުގެ މައްޗަށް ކޮންޓްރޯލްތައް ހަރުކަށިކުރަމުންދަނީ، ޗައިނާއިން އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ޤައުމުގެ މިލިޓަރީ ބާރު އިތުރުކޮށްފާނެކަމުގެ ބިރަށްޓަކައެވެ. ބްލޫމްބާގ އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައިޑެން އިދާރާއިން ޗައިނާއަށް ސެމިކޮންޑަކްޓަރ އިކުއިޕްމަންޓާއި އޭއައި މެމޮރީ ޗިޕްތައް ވިއްކުމަށް އިތުރު ހަނިކުރުންތަކެއް ގެނައުމަށް ވިސްނަމުންދާކަމަށް ވެއެވެ.
މި ކަންތައްތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޓެކްނޮލޮޖީގެ ދާއިރާގެ ވާދަވެރިކަން އިތުރަށް ހަރުކަށިވެގެންދާނެކަމަށް ބެލެވެއެވެ. ޗައިނާގެ ވިޔަފާރިއާބެހޭ މިނިސްޓްރީގެ ތަރުޖަމާނުގެ ބަސްތަކުން ދޭހަވަނީ، އެމެރިކާއިން މި ފިޔަވަޅުތައް އަޅައިފިނަމަ، ޗައިނާއިން ވެސް ޖަވާބުދާރީވާނެކަމެވެ.
މި މައްސަލައަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އިތުރު ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ބައިނަލްއަޤްވާމީ ދާއިރާގެ ތަޙުލީލުވެރިން ދެކެއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ސެމިކޮންޑަކްޓަރ ޞިނާޢަތަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!