މެކްސިކޯގެ ކަނޑުގެ އަސްކަރިއްޔާއިން ރެކޯޑް އަދަދެއްގެ މަސްތުވާތަކެއްޗާއެކު 23 މީހަކު ހައްޔަރުކޮށްފިއެވެ.

މެކްސިކޯގެ ނޭވީން ހުކުރު ދުވަހު ބުނެފައިވަނީ، އެ ޤައުމުގެ ދެކުނު-ހުޅަނގު ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި، އެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފެހެއްޓިފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި 23 މީހުން ހައްޔަރުކޮށް، 8.4 ޓަނުގެ މަސްތުވާތަކެތި ހިފެހެއްޓިފައިވެއެވެ.

Ad
rt

ނޭވީގެ ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ކަނޑުގެ އޮޕަރޭޝަނެއްގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފެހެއްޓުނު ފަހަރު ކަމަށްވާއިރު، މިއީ މި މުއައްސަސާގެ ތާރީޚުގައިވެސް މިފަދަ ކަމެއް ހިނގާފައިނުވާ މިންވަރެއް" ކަމަށެވެ.

މީގެ އިތުރުން، މިޗޯއަކާން ސްޓޭޓްގެ ލަޒާރޯ ކާޑެނާސް އަދި ގުއެރޭރޯ ސްޓޭޓްގެ އައްސޭރިފަށުން 8.7 ހާސް ލީޓަރުގެ ތެޔޮ އަދި 6 އުޅަނދު ހިފެހެއްޓިފައިވެއެވެ.

ނޭވީން އިތުރަށް ބުނެފައިވަނީ، "ހައްޔަރުކުރެވުނު 23 މީހުންނަށް އެމީހުންގެ ޙައްޤުތައް އިއްވައި، 6 އުޅަނދާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، ތެޔޮ ވަނީ ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށްފައި" ކަމަށެވެ. މި ތަކެތީގެ އަގު މަދުވެގެން 2 ބިލިއަން ޕެސޯ (100 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް ނޭވީން ބުނެފައިވެއެވެ.

އެމެރިކާއިން މެކްސިކޯއަށް ގޮވާލަމުންދަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށެވެ. އަނެއްކޮޅުން މެކްސިކޯއިން އެމެރިކާއަށް ގޮވާލަމުންދަނީ އެ ޤައުމުގެ ބޯޑަރުން މެކްސިކޯއަށް ވަންނަ ހަތިޔާރުތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށެވެ.