ދުނިޔޭގެ އެންމެ މަޝްހޫރު ގޭމިންގ މަޖައްލާތަކުގެ ތެރެއިން އެއް މަޖައްލާ ކަމުގައިވާ ގޭމް އިންފޯމަރ 33 އަހަރަށްފަހު ބަންދުކޮށްފިއެވެ.

މި މަޖައްލާގެ މައި ކުންފުނި ކަމުގައިވާ ގޭމްސްޓޮޕްއިން މިއަދު ވަނީ މި މަޖައްލާ ބަންދުކުރުމަށް ނިންމާފައެވެ.

Ad
rt

މަޖައްލާގެ ވެބްސައިޓާއި އާކައިވްސް ވެސް ވަނީ ނަގާފައެވެ. މިހާރު އެ ވެބްސައިޓަށް ވަދެވޭއިރު ފެންނަނީ މަޖައްލާގެ ކިޔުންތެރިންނަށް ޝުކުރު އަދާކޮށްފައިވާ ފަހު ބަޔާނެވެ.

"33 އަހަރު ވަންދެން ގޭމިންގ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރުތަކާއި، ރިވިއުތަކާއި، މަޢުލޫމާތު ގެނެސްދިނުމަށްފަހު، ހިތާމަޔާއެކު ގޭމް އިންފޯމަރ ބަންދުކުރަން ޖެހުނު ވާހަކަ އަންގަމެވެ،" މަޖައްލާގެ ބަޔާނުގައި ބުނެފައިވެއެވެ.

މަޖައްލާގެ މުވައްޒަފުން ވަނީ އިޖުތިމާޢީ ވިއުގަތަކުގައި މި ހިތާމަވެރި ޚަބަރު ކަށަވަރުކޮށްދީފައެވެ. ލީޑް ވީޑިއޯ ޕްރޮޑިއުސަރ އެލެކްސް ވަން އަކެން ބުނެފައިވަނީ މުވައްޒަފުންނަށް މިކަން އެނގުނީ މަތީ ފަންތީގެ މުވައްޒަފަކު ޓްވިޓަރގައި ކުރި ޕޯސްޓަކުންކަމަށެވެ.

މަޖައްލާގެ ކޮންޓެންޓް ޑައިރެކްޓަރ ކައިލް ހިލިއާޑް ބުނެފައިވަނީ އާ އަދަދެއް ތައްޔާރުކުރަމުން ދަނިކޮށް މި ހިތާމަވެރި ޚަބަރު ލިބުނު ކަމަށެވެ. "ވަރަށް ކަންބޮޑުވާ ކަމެއް. ޚާއްޞަކޮށް އަޅުގަނޑުމެން އާ އަދަދެއްގެ 70 އިންސައްތަ ނިންމާފައި ވަނިކޮށް. އަދި މި އަދަދުގައި ވަރަށް ރީތި ކަވަރެއް ޖަހަން ހަމަޖެހިފައި އޮތް،" ހިލިއާޑް ބުންޏެވެ.

މި މަޖައްލާ ބަންދުކުރުމުން ކިޔުންތެރިންނަށް ލިބުނު ނުތަނަވަސް ކަމުގެ އިތުރުން ގިނަޢަދަދެއްގެ މުވައްޒަފުންގެ ވަޒީފާވެސް ގެއްލިގެންދާނެއެވެ. މަޖައްލާ ބަންދުކުރަން ޖެހުނު ސަބަބެއް އަދިވެސް އެމަޖައްލާގެ މަސްއޫލުވެރިން ހާމަކޮށްފައެއް ނުވެއެވެ.