މިއަދު ހެނދުނު ކުޅުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކޮލަމްބިއާ ބަލިކޮށް، މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ޝަރަފް އާޖެންޓީނާއިން ހޯދައިފިއެވެ.

މި މުބާރާތާއި ކުރިމަތިލީއިރު ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ލިސްޓްގެ އެއްވަނާގައި ދެ ޓީމް އޮތެވެ. އެއީ އާޖެންޓީނާއާއި އުރުގުއޭއެވެ. މި ކޮންމެ ޓީމަކުން ވަނީ 15 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ނަމަވެސް މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް 16 ތަށި ހަމަކޮށް އާޖެންޓީނާއިން މިވަނީ އެންމެ ކާމިޔާބު ޓީމްގެ ޝަރަފު ހޯދާފައެވެ.

Ad
ooredoo

ރޭ ފަތިހު ފަހެއް ޖެހިއިރު ފަށަން އޮތް ފައިނަލް މެޗު ފެށިފައި ވަނީ ގަޑިއެއްހާއިރު ފަހުންނެވެ. އެއީ ފައިނަލް މެޗަށް ޓިކެޓް ނުނަގާ ސަޕޯޓަރުންތަކެއް ދަނޑަށް ވަނުމާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

ހާޑް ރޮކް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތުހަމަވއިރު ދެ ޓީމް އޮތީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފް ކުޅުނުއިރު އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ 112 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ޖަހައިދިން ލަނޑުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ކޮލަމްބިއާއެވެ. ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އާޖެންޓީނާގެ ތަރި ލައިނަލް މެސީގެ ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވިއެވެ. ހާފްޓައިމް ނިންމައި ދެވަނަ ހާފަށް ނުކުމެ ކުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރިނަމަވެސް ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ބަދަލު ކޮށްފައެވެ.

މި މުބާރާތް 2021 ވަނަ އަހަރު ވެސް ކާމިޔާބު ކުރީ އާޖެންޓީނާއިންނެވެ. އެއަށްފަހު 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެސް އާޖެންޓީނާއިން ކާމިޔާބުކުރިއެވެ. މި އަހަރު ކޮޕަ އެމެރިކާ ކާމިޔާބުކުރުމާއިއެކު އާޖެންޓީނާ ވެފައިވަނީ ވިދިވިދިގެން ބޮޑު ތިން މުބާރާތް ކާމިޔާބުކުރި ދެވަނަ ޓީމަށެވެ. މީގެ ކުރިން މި ޝަރަފް އޮތީ ސްޕެއިން އަތުގައި އެކަންޏެވެ.